އިޤުތިސާދީ ދަތިތަކާއެކުވެސް ސަރުކާރުން ރައްޔިތުންގެ ބޭނުންތައް ފުއްދަވައިދެއްވުމަކީ ހެޔޮ ވެރިކަމެއް ކުރަމުންދާކަމުގެ ހެއްކެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މާލޭގެ އުތުރުން ބޮޑުތަކުރުފާނުމަގުގެ މަސައްކަތްތައް ނިންމާ އާންމު ދަތުރުފަތުރަށް ހުޅުވާލުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް ވިދާޅުވީ، މާލޭގެ އުތުރުން ބޮޑުތަކުރުފާނުމަގަށް ގެނައި ތަރައްޤީއަކީ، މާލެ ސިޓީއަށް ލަފާ ފުރާ ފަރާތްތަކަށާއި، މާލޭގެ ޓްރެފިކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ތަރައްޤީއެއްކަމަށެވެ. އަދި މިއީ މާލޭގެ މަލަމައްޗަށް ތާރީޚި ބަދަލެއް އައި މުހިންމު މަޝްރޫޢެއްކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން އެ ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ރައްޔިތުން ބޭނުންވެފައިތިބި އެފަދަ މުހިންމު ތަރައްޤީގެ މަޝްރޫޢުތަކާއިއެކު، ޤައުމު ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވާ އިސްކަމާއި އަހައްމިއްޔަތުކަމަށް އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި އިޤުތިސާދީ ދަތިތަކާއެކުވެސް، ސަރުކާރުން ރައްޔިތުންގެ ބޭނުންތައް ފުއްދަވައިދެއްވުމަކީ ހެޔޮ ވެރިކަމެއް ކުރަމުންދާކަމުގެ އަލިގަދަ ހެއްކެއްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
މާލޭ ސިޓީގެ ބޮނޑެތަކުރުފާނު މަގަޓެ ގެނާޑެ ތަރައްގީ އައްކޫ މާލެ ސިޓީއަޓެ ލަފައި، ހުރަނެ ފަރާތްތަކާއި މާލޭ ސިޓީގެ ޓްރެފިކަޓެ ބޮނޑެ ލޫލެ ތަކެކެ ލެބީގެން އެޔަނެ ތަރައްގީއެކެ. މީބޫ މާލޭ ސިޓީގެ މަގު މައްތަޓެ ތާރީޚީ ބަދަލެކެ ގެނާޑެ މުހިއްމު މަޝްރޫއެކެ. ރައްޔިތުނެ ބޭނުންވެގޮހޯ ތެއި… pic.twitter.com/Oduotj0iGr
— Hussain Mohamed Latheef (@HucenSembe) July 24, 2026
ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 5 ސެގްމެންޓުގެ މަސައްކަތް ނިންމައި، މިއަދު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. އެއީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް 700 މީޓަރުގެ ސަރަޙައްދެކެވެ.
އެ މަގު ތަރައްޤީކޮށްފައިވަނީ، ފަޅުތެރެއިން ބައެއް ހިއްކައިގެން، 4 ލޭނަށް މަގު ފުޅާކުރުމަށްފަހު، 1.145 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައި، ދުވާރާއި ފެންހިންދާ ނިޒާމު ގާއިމުކޮށް، 500 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނަކާވެސް އެކުގައެވެ.