ފާއިތުވި 35 އަހަރުގެ ތެރޭގައި އެއް އަހަރުގެ ތެރޭގައި އެމެރިކާގައި ހިމަބިހި ނުފެތުރޭ މިންވަރަށް މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި އެ ބަލި ފެތުރިއްޖެއެވެ.
އެމެރިކާއިން ހިމަބިހި ނައްތާލާފައިވާ ކަމަށް އިޢުލާނުކޮށްފައި ވަނީ 2000 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް މިދިޔަ 25 އަހަރު ފެނިފައިވާ ހިމަބިހި ކޭސްތަކުގެ ޖުމްލަ ޢަދަދަށްވުރެ ފާއިތުވި 18 މަސް ދުވަހުގެ ތެރޭގައި އެމެރިކާގައި ރެކޯޑުކޮށްފައިވާ ހިމަބިހީގެ ކޭސްތައް އިތުރެވެ.
މިދިޔަ އަހަރު ވެސް އެމެރިކާގައި ރެކޯޑު ޢަދަދަކަށް ހިމަބިހި ފެތުރިފައިވެއެވެ. އެމެރިކާގައި މިދިޔަ އަހަރު ހިމަބިހީގެ 2،300 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އެއީ އެ ޤައުމުން ހިމަބިހި ނައްތާލިފަހުން އަހަރެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދާ އަޅާބަލައިއިރު ގާތްގަނޑަކަށް 12 އިންސައްތަ އިތުރު ޢަދަދެކެވެ. އެ އަހަރަކީ ފާއިތުވި 30 އަހަރުގެ ތެރޭގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދު އެންމެ މައްޗަށް އެރި އަހަރެވެ. މިދިޔަ އަހަރުގެ ޢަދަދު މި އަހަރުގެ މިހާތަނަށް ހުރަސްކޮށްފައިވާ އިރު، މި އަހަރު މިހާރު ވެސް 2،318 މީހުންނަށް ހިމަބިހި ޖެހިފައިވެއެވެ.
ފާއިތުވި މަސްތަކުގައި ކޮންމެ ހަފްތާއަކު ވެސް ހިމަބިހީގެ އައު އެތައް ކޭހެއް އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއަށް ރިޕޯޓުކުރެއެވެ.
އެމެރިކަން އެކެޑެމީ އޮފް ޕީޑިއަޓްރިކްސްގެ ރައީސް ޑރ އެންޑްރޫ ރެސައިން ވިދާޅުވީ އެމެރިކާގައި މިހާރު އޮތް ޙާލަތަކީ ޢާންމު ޞިއްޙަތު ފޭލްވުމުގެ ނަތީޖާއެއް ކަމަށެވެ. ނަމަވެސް އެ ޙާލަތު މެދުވެރިވިޔަ ނުދިނުމަށް އެޅޭނެ ފިޔަވަޅުތައް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. ހިމަބިހި ޖެހިފައިވާ މީހުންގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށެވެ. ބަލިޖެހުނު ގިނަ ކުދިންނަށް އެ ބައްޔާ ދެކޮޅަށް ދޭ ވެކްސިން ދީފައެއް ނުވެއެވެ.
ބަލިޖެހިފައިވާ މީހުން ދެނެގަނެ، މުޖުތަމަޢުގައި އިތުރަށް ބަލި ފެތުުރުން ހުއްޓުވުން ވެފައި މި ވަނީ އެމެރިކާއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމަކަށެވެ. 2025ވަނަ އަހަރު ފެނިފައިވާ ބައެއް ކޭސްތައް ފެތުރެމުން ގޮސް މި އަހަރު ވެސް ބަލިމަޑުކަން އިތުރަށް ފެތުރުން ހުއްޓިފައިނުވާއިރު، އަލަށް ފެންނަ ކޭސްތައް މޫލައި އެކި ސަރަޙައްދުތަކަށް ވަނީ ފެތުރިފައެވެ.
އެމެރިކާގެ އެހެން ސްޓޭޓުތަކުން ކޭސްތައް ފެންނަ މިންވަރަށް ވުރެ އެ ޤައުމުގެ ސައުތު ކެރޮލީނާ ސްޓޭޓުގައި މި އަހަރު ހިމަބިހި ފެތުރޭ މިންވަރު އިތުރެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ސައުތު ކެރޮލީނާގެ ސްޕާޓަންބަރގް ކައުންޓީގައި މަލިމަޑުކަމެއް ފެތުރެން ފަށައި، 1،000އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވެއެވެ. އެ ބަލިމަޑުކަން ހަމައަކަށް އެޅުނީ މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.