ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށާއި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށް އިތުރު ދެ އެއަރ ސަރވިސް އެގްރީމެންޓް ނުވަތަ ވައިގެ ދަތުރުފަތުރުގެ އެއްބަސްވުންތަކެއް އެކުލަވާލުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވާ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ސަރުކާރުގެ އުންމީދަކީ އަދި މިހާރު މަސައްކަތް ކުރަމުންދާ އަމާޒަކީ އެއަރ ސަރވިސް އެގްރީމެންޓުތަކުގެ ތެރެއިން ރާއްޖެއަށް ލިބޭ ޓްރެފިކް ރައިޓްސްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ކަމަށެވެ. އަދި މީގެކުރިން އެކި ސަބަބުތަކާ ހުރެ މިކަން ނުކުރެވި އޮތް ނަމަވެސް، މިހާރު މަސައްކަތް ކުރަމުންދަނީ އެކަންކަން ހާސިލުކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރަމުންދަނީ މިކަންކަން ހާސިލުކުރެވޭތޯ، އެއީ ރާއްޖެއަށް މިހާރު މި އަންނަ ޑެސްޓިނޭޝަންތަކުގެ ބޭރުން އިތުރު ޑެސްޓިނޭޝަންތަކުން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުންމިދަނީ،" ވަޒީރު އަމީން ވިދާޅުވިއެވެ.
މިހާރު ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވާ ވަޒީރު ވިދާޅުވީ، އިތުރު ދެ އެއްބަސްވުމެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. މިއީ ބޮޑެތި މަސައްކަތްތަކަކަށްވާތީ ވަގުތު ނަގާނެ ކަމަށާއި، އެހެންނަމަވެސް މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި މާލަސްތަކެއްނުވެ މި އެއްބަސްވުންތަކުގެ ނަތީޖާ ފެންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެއަރ ސަރވިސް އެގްރީމެންޓް ނުވަތަ ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމަކީ، ދެ ގައުމެއްގެ ދެމެދުގައި ނުވަތަ ބައެއް ފަހަރު އެއަށްވުރެ ގިނަ ގައުމުތަކުގެ މެދުގައި ވިޔަފާރި އުސޫލުން ފްލައިޓުތައް ދަތުރު ކުރުމުގެ އުސޫލުތައް ކަނޑައަޅާ އެއްބަސްވުމެކެވެ. ދިވެހިރާއްޖެ ފަދަ ގައުމަކަށް މިފަދަ އެއްބަސްވުންތަކަކީ، ވަރަށް މުހިންމު އެއްބަސްވުންތަކެކެވެ. ސަބަބަކީ ރާއްޖޭގެ ފަތުރުވެރިކަން ބޮޑަށް ބިނާވެފައިވަނީ، ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގެ މައްޗަށް ކަމަށްވާތީއެވެ.
މިފަދަ އެއްބަސްވުމެއްގެ ދަށުން ރާއްޖެއަށް ދަތުރުކުރެވޭނީ ބޭރުގެ ކޮން އެއަރލައިންތަކަކަށް ކަމާއި، ލިބެން ހުންނާނީ ކިތައް ސީޓު ކަމާއި އަދި ދަތުރު ކުރެވޭނީ ކޮން މާކެޓުތަކަކަށްކަން ކަނޑައެޅެއެވެ. އަދި މުހިންމު މާކެޓުތަކުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް، ގައުމުތަކުން ޤަވާއިދުން މި އެއްބަސްވުންތައް ފުޅާކުރެއެވެ.
ރާއްޖެއިން ދާދިފަހުން ވަނީ، އިތިއޯޕިޔާއާއެކު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއީ، އެފްރިކާ ބައްރުގެ ޤައުމަކާއެކު ރާއްޖެއިން މިފަދަ އެއްބަސްވުމެއް އެކުލަވާލި 6 ވަނަ ފަހަރެވެ. މި އެއްބަސްވުމުގެ ދަށުން އިތިއޯޕިޔާގެ އެޑިސް އަބާބާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ވަނީ، ހަމަޖެހިފައެވެ. މީގެ އިތުރުން އޮސްޓްރޭލިއާއާއެކުވެސް ސީދާ ދަތުރުތައް ފެށުމަށް އެއްބަސްވުމެއް އެކުލަވާލާފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން ޤައުމީ އެއާލައިން މޯލްޑިވިއަނުން މިހާރު ދަނީ އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ކުރަމުންނެވެ.