ޚަބަރު

އިމާރަތްކުރުމުގެ ސިނާއަތަށް ޚާއްސަ ޕްރޮގްރާމެއް ޕީއެސްއެމުން


އިމާރަތްކުރުމުގެ ސިނާއަތަށް ޚާއްސަ ޕްރޮގްރާމެއް ޕީއެސްއެމުން ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށް ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ވިދާޅުވެއްޖެއެވެ.

މަސީ-ބިލްޑް އެންޑް ހޯމް އެކްސްޕޯގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސާ އެކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ވިދާޅުވީ ރާއްޖޭގެ އިމާރަތް ކުރުމުގެ ސިނާއަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަރަމުންދާ އިރު، ރާއްޖޭގައި ކުރިއަށްދާ އިމާރަތްކުރުމުގެ ސިނާއަތުގެ މަޝްރޫއުތަކާއި ގުޅޭ މައުލޫމާތު އާއްމު ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަކީ މުހިއްމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން އަންނަ އަހަރުތެރޭ ހަފްތާއަކު އެއްދުވަހު އިމާރަތްކުރުމާއި ގުޅޭ ޕްރޮގްރާމެއް ޕީއެސްއެމުން ގެނެސްދިނުމަށް އެކަމާއި ގުޅޭ މަޝްވަރާތައް މަސީއާއި އެކު ފައްޓަވާނެ ކަމަށް އިކްރާމް ވިދާޅުވިއެވެ.

އިމާރާތް ކުރުމުގެ ސިނާއަތް ނުވަތަ ކޮންސްޓްރަކްޝަންގެ ސިނާއަތަކީ ރާއްޖޭގައި ދެވަނަ އަށް އެންމެ ބޮޑު ސިނާއަތެވެ. އަހަރަކަށް ވުރެ އަހަރެއް އެ ސިނާއަތް ރާއްޖޭގައި އަންނަނީ ކުރިއަރަމުންނެވެ.