ޚަބަރު

މިނިވަންދުވަހުގެ ހަރަކާތްތަކަށް ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރާއްޖެއަށް


  • މިއީ މި މަހުގެ 27 ގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެއް

  • މިއީ މިނިވަންދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެއް

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޚްމާން، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ މި މަހުގެ 27 ގެ ނިޔަލަށް އެ މަނިކުފާނު ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޚްމާން ރާއްޖެއަށް ވަޑައިގެންނެވުމުން ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުން އެމަނިކުފާނަށް މަރްޙަބާ ވިދާޅުވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުންތަކުގެ މަޝްވަރާތައް ބިނާކުރެވޭނީ ރާއްޖެ އާއި ބަންގްލަދޭޝާ ދެމެދު އޮންނަ ޒަމާންވީ ގާތް އެކުވެރި ގުޅުމުގެ މައްޗަށާއި، ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރެވޭނޭ ގޮތްތަކާއި، ދެ ޤައުމުން އިސްކަންދޭ ކަންތައްތަކުގައި ގުޅުން ބަދަހިކުރުމަށް ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ. އަދި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކާއި ގުޅޭގޮތުން ޚިޔާލުފުޅު ބަދަލުކުރައްވައި، މިފަދަ މައްސަލަތަކުގައި ދެ ޤައުމުން ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރާނެ ގޮތްތަކާއި ގުޅޭގޮތުންވެސް ދެ ވަޒީރުން މަޝްވަރާ ކުރަށްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ދަތުރުފުޅަކީ 17 ފެބްރުއަރީ 2026 ގައި ޑރ. ޚަލީލުއްރަޚްމާން، ބަންގްލަދޭޝް ގެ ޚާރިޖީ ވަޒީރު މަޤާމާއި ޙަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅަކީ ދިވެހިރާއްޖެ އާއި ބަންގްލަދޭޝް އާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

މުސްތަޤްބަލުގައި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް ހަރުދަނާ ކުރުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅަކަށް މި ދަތުރުފުޅުވާނެ ކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.