ރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް މިހާރު ކުރިއަށްދާއިރު، މިއަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ދެދުވަހަށް ބަހާލައިގެން މިމަހުގެ 26 އަދި 27 ވަނަ ދުވަހު ކުރިއަށް ގެންދާނެއެވެ.
މިނިވަން ދުވަހުގެ ހަރަކާތްތައް މިއަހަރު އިންތިޒާމު ކުރަނީ، ފަންނާ ސަޤާފަތާއި ތަރިކައާއިބެހޭ ވުޒާރާ އިސްވެ އޮވެއެވެ. ފަންނާ ސަޤާފަތާއި ތަރިކައާބެހޭ ވުޒާރައިން ވިދާޅުވީ މިހާރު ކުރިއަށްދަނީ މިނިވަން ދުވަހަށް ރޭވި ހަރަކާތްތަކުގެ އެންމެ ފަހުގެ ތައްޔާރީތައް ކަމަށެވެ. މި ހަރަކާތްތައް ދެދުވަހަށް ބަހާލާފައިވާއިރު، މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް ފަށާނީ ދިދަ ނެގުމުގެ ރަސްމިއްޔާތާއެކުއެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށްދާނީ މާދަމާ ހެނދުނު 6:00 ގައެވެ.
ހެނދުނުގެ ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ހެނދުނު 9:00 ސޯޝަލް ސެންޓަރުގައި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާނެއެވެ. އެ ރަސްމިއްޔާތުގެ ތެރެއިން ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 61 ބޭފުޅަކަށް އަރުވާނެއެވެ. މިރަސްމިއްޔާތުގައި ތެރެއިން އިނާމު އަރުވާނީ ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން، މިހާތަނަށް އިނާމު އެރުވިފައިނުވާ ބޭފުޅުންނަށެވެ.
މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތަކުގެ ތެރެއިން ދެން ކުރިއަށް ގެންދާނީ، މާދަމާ ރޭގަނޑު 8:15ގައި ޖުމްހޫރީ މައިދާނުގައި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކެވެ. މި ހަރަކާތުގެ ތެރެއިން ސިފައިންނާއި ކެޑޭޓުންގެ ރޫޓު މާޗާއި، އިސްކަންދަރު ސްކޫލާއި ރެހެނދި ސްކޫލު އަދި ޝަހީދު ޢަލީ ސްކޫލުން ދަރިވަރުން އެކުވެގެން ހާއްސަ އައިޓަމެއް ހުށަހަޅައިދޭނެއެވެ. އެ އައިޓަމުގައި، 344 ކުދިން 3 ސްކޫލުން ބައިވެރިވާނެ ކަމަށް ފަންނާ ސަޤާފަތާއި ތަރިކައާއިބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މީގެ އިތުރުން ސަޤާފީ ހުށަހެޅުމަކާއި އެކު ސިފައިންގެ ހެވިކަމުގެ ކުޅިވަރުތައް ދައްކާލާނައެވެ. މި ހަރަކާތް ނިންމާލާނީ، ހަވާއެރުވުމުގެ ހަރަކާތަކާއެކުއެވެ.
މިނިވަން ދުވަހުގެ ހަރަކާތްތައް ހޯމަ ދުވަހުވެސް ކުރިއަށް ދާނެއެވެ. އެދުވަހުގެ މައިގަނޑު ދެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހަވީރު ޕެރޭޑު ކުރިއަށް ގެންދާނެއެވެ. މީގެ އިތުރުން ހަވީރު ގަޑީގައި މިނިވަން ރަން ނަމުގައި މިނިވަން ދުވަހާއި ގުޅޭ ދުވުމެއް ހުޅޫމާލޭގައި ކުރިއަށްދާނެއެވެ. މި ދުވުން ފަށާނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފެމިލީ ރޫމް ކައިރިން ކަމަށް ފަންނާއި ސަޤާފަތާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މިއަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ރަސްމީކޮށް ޝަރަފުވެރިކޮށްދެއްވާނީ ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް، އަދި ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ޢަމީރު، ޑރ. މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދު އެވެ. މިފަހަރުގެ ހަރަކާތްތައް ބައްލަވާލެވުމަށް ދައުވަތު އެރުވިގެން ބޭރު ޤައުމުތަކުގެ އިސް އޮފިޝަލުން ބައިވެރިވަޑައިގަންނަވާނެއެވެ.