ޚަބަރު

"އަމާން މުޖުތަމައެއް ބިނާކުރުމުގައި ފުލުހުން ދެމިތިބޭނެ"


  • މިނިވަންކަން ދެމިއޮތީ ކާބަފައިންގެ ޤުރުބާނީގެ ސަބަބުންކަމަށް ސީޕީ ވިދާޅުވި

  • ޤައުމު ބިނާކުރުމުގައި އާއްމުންގެ ޒިންމާ ބޮޑު ކަމަށްވެސް ވިދާޅުވި

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ކުށްމަދު އަމާން މުޖުތަމައެއް ބިނާކުރުމުގެ މަތިވެރި އަޒުމުގައި ދިވެހި ފުލުހުން އަބަދުވެސް ދެމިތިބޭނެކަމުގެ ޔަގީންކަން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ދެއްވައިފިއެވެ.

ސީޕީ މިހެން ވިދާޅުވީ، 61 ވަނަ މިނިވަން ދުވަހާއި ގުޅިގެން ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

ރާއްޖޭގެ މިނިވަންކަން ދެމިއޮތީ، ކާބަފައިން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ ފޮނި ނަތީޖާއިންކަމަށް ސީީޕީ ވިދާޅުވިއެވެ. އަދި އެ މިނިވަންކަން ދެމެހެއްޓުމަކީ، މިހާރު ހުރިހާ ދިވެހިންގެ މައްޗަށް އޮތް ޒިންމާއެއްކަން ސީޕީގެ މެސެޖުގައި ހަނދާން ކޮށްދެއްވާފައިވެއެވެ.

"އެންމެން ގުޅިގެން ސުލްޙަވެރި އަމާން ވެއްޓެއް ޤާއިމްކުރުމަށް އަތުގުޅާލަމާ ހިންގަވާ." ސީޕީ އަޙްމަދު މުހައްމަދު ވިދާޅުވިއެވެ.

ދިވެހި ފުލުހުން އަބަދުވެސް މަސައްކަތްކުރަނީ އެ މިނިވަންކަން ރައްކާތެރި ކުރުމަށާއި، ރާއްޖޭގައި ކުށްމަދު، އަމާން މުޖުތަމައެއް ޤާއިމްކުރުމަށް ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި ޤައުމު ބިނާކުރުމުގައި އާއްމުންގެ ޒިންމާ ބޮޑު ކަމަށާއި، ޚާއްސަކޮށް ޒުވާނުން އަދާކުރާ ދައުރު ވަރަށް މުހިންމު ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ސީޕީވަނީ، ދިވެހިންފުލުހުންނަށް ދޭ އެއްބާރުލުން ފާހަގަކުރައްވާ އެކަމަށްޓަކާ ޝުކުރު އަދާކުރައްވާފައެވެ.