ޚަބަރު

ކެޕްޓަން އޮޓަމެންޑީ އާއެކު ރިވަރ ޕްލޭޓް ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ


  • ރިޕަރ ޕްލޭޓް ބަލިވެފައިވަނީ ބަރަކާސް އާއި ބައްދަލުކޮށް އެއް ލަނޑު ސުން ލަނޑުން

އާޖެންޓީނާގެ ޓޯނިއޯ ކްލައުސޫރާ މުބާރާތުގައި ނިކޮލަސް އޮޓަމެންޑީގެ ކެޕްޓަން ކަމުގެ ދަށުން ރިވަރ ޕްލޭޓް ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.

ރިވަރ ޕްލޭޓްގެ މޮނިއުމެންޓަލް ސްޓޭޑިއަމްގައި ކުޅުނު މިމެޗުން އެޓީމު ބަލިވެފައިވަނީ ބަރަކާސް ސެންޓްރަލް އާއި ބައްދަލުކޮށް އެއް ލަނޑު ސުން ލަނޑުންނެވެ. މިމެޗުގައި ބަރަކާސް އިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 22 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ހާވިއޭ މޮރާލޭސްއެވެ. މިލަނޑު މިމޮރާލޭސް ކާމިޔާބު ކޮށްފައިވަނީ ބަރަކާސްގެ ރޮބާޓޯ އިންސުއާ ރިވަރ ޕްލޭޓްގެ ގޯލަށް ފޮނުވާލި ހަމަލާއެއް އެޓީމުގެ ކީޕަރ ސަންތިއާގޯ ބެލްޓްރާން ދިފައުކުރުމުން ލިބުނު ރީބައުންޑްގައެވެ.

މިމެޗުގެ ދެވަނަ ހާފުގައި ރިވަރ ޕްލޭޓުން އެޓީމުގެ ކުޅުން ރަނގަޅުކޮށް ނުރައްކާތެރި ހަމަލަތަކެއް އުފެއްދި ނަމަވެސް އެއިން އެއްވެސް ހަމަލާއެއް ލަނޑަކަށް ބަދަލު ކޮށްލެވޭ ގޮތެއް ނުވިއެވެ. ރިޕަރ ޕްލޭޓްގެ ފަކުންޑޯ ކޮލީޑިއޯ ފޮނުވާލި ހިލޭޖެހުމެއްވަނީ ބަރަކާސްގެ ގޯލްގެ ހުރަސް ދަނޑިއަށްވެސް އަމާޒުވެފައެވެ.