2028 ވަނަ އަހަރުވާނީ 2040އަހަރާ ހަމައަށްދާއިރު ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަތަށް ބޮޑު ކާމިޔާބީއެއް ހާސިލްވެގެންދާނެ އަހަރަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްހުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢޫތަކާއި ނިމިދިޔަ 2 ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫޢޫތަކުގެ އަދަދުތައް ހާމަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ސަރުކާރުގެ 2 އަހަރާ 8 މަސްދުވަހުގެ ތެރޭގައި އެކި ދާއިރާތަކުން 590 މަޝްރޫޢުގެ މަސައްކަތް ނިންމާފައިވާކަމަށެވެ. ނަމަވެސް ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެ މުއްދަތުގައި ނިންމާފައިވަނީ 285 މަޝްރޫޢުކަމަށާއި އޭގެ ކުރީ ސަރުކާރުގައި މި މުއްދަތުގައި ނިންމާފައިވަނީ 321 މަޝްރޫޢުކަމަށެވެ. ރައީސް ވިދާޅުވީ މިހާރު ވެސް 1635 މަޝްރޫޢުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ނަމަވެސް މިދިޔަ 2 ސަރުކާރުން އެއަދަދާ ގާތްކުރާ ވަރަށްވެސް މަޝްރޫޢޫތައް ކުރިއަށް ނުގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން މި މުއްދަތު ނިމިދޔަ ސަރުކަރުން ކުރިއަށްގެންދިޔާ 414 މަޝްރޫޢުކަމަށެވެ. އަދި އޭގެ ކުރީ ސަރުކާރުން ކުރިއަށްގެންދިޔާ 355 މަޝްރޫއުކަމަށެވެ.
"އަޅުގަނޑުމެން ކުރާ މަސައްކަތް ޑެލިވަރ ކުރާނަން. އަޅުގަނޑުމެން ކުރަނީ އެންމެނަށް ހަމަހަމަކޮށް. ކުޑަރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި އިންސާފުވެރިކޮށް. ލާމަރުކަޒީކޮށް." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ 2028 ވަނަ އަހަރުގެ މިނިވަން ދުވަސް އަންނަން ވާއިރަށް އެމަނިކުފަނުގެ ތަޞައްވަރު ހާމަކުރައްވާފައެވެ. އެގޮތުން ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫޢުތަކާއި ކުނިކޮށިތަކާއި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ނިންމާ ހުޅުވާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އައުޓްޑޯ ޖިމްތަކާއި ކުޑަކުދިންގެ ޕާކްތަކުގެ އިތުރުން އޭޓީއެމްތައް ނިންމާ ފުލުހުންގެ އަމިއްލަ މަރުކަޒުތަކާއި ލެބޯޓަރީތައް ހިމެނޭހެން ހުރިހާ ރަށެއްގައި ސިއްޙީ ޚިދުމަތް ވަރުގަދަކޮށް ސްކޫލް އިންފްރާސްޓްރަކްޗަރ އިންކުލޫސިވް އެޑިއުކޭޝަން ނިޒާމް ހިމެނޭހެން ވަރުގަދަކުރެވިފައި ހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
"ޤުރުއާނާ ބެހޭ މަރުކަޒްތަކާއި ޔުނިވަރސިޓީތަކުގެ މަސައްކަތްތައް ފުރިހަމަކޮށްފައި. ފުޓްސަލް ނުވަތަ ފުޓްބޯޅަ ދަނޑުތަކުގެ މަސައްކަތް ފުރިހަމަކޮށްފައި. ކަރަންޓާ ގުޅޭ ހުރިހާ ކަމެއް 2028 ވަނަ އަހަރު އަންނައިރު ޤާއިމްކުރެވިފައި ހުންނާނެ. ކޮންމެ އަތޮޅެގައި އެސްޓީ އޯ ރޭޓުގައި ތެޔޮ ވިއްކާ ސެޑްތައް ހުންނާނެ. ކޮންމެ އަތޮޅެގައި 30 މިނެޓުން ދެވޭ ހިސާބުގައި އެއަޕޯޓުތައް ހުންނާނެ. ކޮންމެ އަތޮޅެއްގައި ސީޓީ ސްކޭންއާއި ޑައިލިސިސްގެ ޚިދމަތްތއް ޤާއިމްކުރެވޭނެ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޕިކްނިކް ރަށްތަކާއި ބޭންކް ބްރާޗްތައް ޤާއިމުކޮށް ކޮންމެ އަތޮޅެއްގައި ސްޕޯޓްސް ކޮމްޕްލެކްސްތައް ތަރައްޤީކުރާނެކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ އިތުރުން އިސްލާމީ މަރުކަޒުތަކާއި މަދުވެގެން 100 ރަށުގައި ކައުންސިލްތައް ނިންމާ ހަވާލުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ކޮންމެ ރައްޔިތެއްގެ ޖީބަށް ޑޮލަރު ވަންނާނެހެން 10 ރިސޯޓް ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތް 2028 އާ ހަމައަށްދާއިރު ބޮޑުތަނުން ކުރިއަށްދާނެކަމަށާއި މާލޭ މަގުތައް ހދުމާއި ވިލިމާލެ ހޮސްޕިޓަލްގެ މަސަކްތައް ނިމުމާ ހަމައަށް އަންނާނެކަމަށެވެ. މި ހުރިހާ މަޝްރޫޢުތަކާއެކު 2040 އާ ހަމައަށް ދާއިރު ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަތުގެ ބޮޑު ކާމިޔާބީއެއް ހާސިލްކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.