ޚަބަރު

"ރާއްޖެ - ބަންގްލަދޭޝް: ޒަމާންވީ ގުޅުމުގެ އަސާސަކީ ބަދަހި ގުޅުން"


  • ދެޤައުމުގެ މެދުގައި އިތުރުން ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެވުނު

  • ބަންގްލަދޭޝް ސަރުކާރުން 300 ކިލޯގެ އަނބާއި 20،000 ގަސް ހަދިޔާކުރި

ދިވެހިރާއްޖެއާއި ބަންގްލަދޭޝްގެ ޒަމާންވީ ގުޅުމުގެ އަސާސަކީ، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުން ކަމަށް ބަންގަލްދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޙްމާން ވިދާޅުވެއްޖެއެވެ.

ބަންގަލްދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޙްމާން މިކަން ފާހަގަކުރެއްވީ، ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެތެރެއިން ޚާރިޖީ ވަޒީރު އިރުތިޝާމާއެކު ބޭއްވެވި ރަސްމީ ބައްދަލުވުމެގެ ތެރެއިންނެވެ.

ޚާރިޖީ ވުޒާރާގައި ބޭއްވެވި ބައްދަލުވުމުގައި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރަށް މަރުޙަބާ ދަންނަވައި، ދިވެހިރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގައި ސަރުކާރުގެ ޚާއްޞަ މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންނެވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ވަޒީރުން ވަނީ ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ޒަމާންވީ ދެ ޤައުމުގެ ގުޅުމުގެ މައިގަނޑު އަސާސްގެ ގޮތުގައި އޮތީ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުންކަން ފާހަގަކުރައްވައި، އެ ގާތް ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް އެއްބާރުލުން ދިނުމަށް ދެ ފަރާތުންވެސް އެއްބަސްވެވަޑައިގެންނެވިއެވެ.

ދެގައުމުގެ މެދުގައި މިހާރު އޮތް ޚާރިޖީ ގުޅުން ވަރުގަދަކޮށް އިތުރު ދާއިރާތަކުން މިހާރަށްވުރެ ބޮޑަށް އެއްބާރުލުން ދިނުމަށް ދެ ޤައުމުގެ ޚާރިޖީ ވަޒީރުން ވަނީ މަޝްވަރާކުރައްވާފައެވެ. މިގޮތުން ސިއްޙަތާއި، ތަޢުލީމާއި، ވިޔަފާރިއާއި އިންވެސްޓްމަންޓް، ފަތުރުވެރިކަން، މަސައްކަތްތެރިންނާއި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ ދައިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މަސްރަޙުގައި އެއްބާރުލުން ދިނުން ހިމެނޭހެން ދެގައުމުންވެސް ޝައުޤުވެރިވާ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމުގެ ފުރުޞަތުތަކާ މެދު މަޝްވަރާކުރެއްވިއެވެ. އަދި މިކަންކަމުގައި ދެމިތިބޭނެ ކަމުގެ ޔަޤީންކަން ދެ ޤައުމުގެ ޚާރިޖީ ވަޒީރުން ވަނީ ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޙްމާން ވަނީ ދެގައުމުގެ މެދުގައި އޮތް ގާތް އެކުވެރިކަމާއި ބަދަހި ބައިވެރިވުމުގެ ރަމްޒެއްގެ ގޮތުން، ބަންގްލަދޭޝް ސަރުކާރުގެ ފަރާތުން ދިވެހި ސަރުކާރަށް 300 ކިލޯގެ "ޚިރްސާޕާތު" އަނބާއި، ދިވެހިރާއްޖޭގެ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން 20,000 ގަސް ހަދިޔާކުރައްވާކަން ފާހަގަކުރައްވާފައެވެ.

ޚާރިޖީ ވަޒީރު އިރުތިޝާމް ވަނީ ބަންގްލަދޭޝް ސަރުކާރުގެ ހަދިޔާއަށްޓަކައި ޝުކުރު އަދާކުރައްވައި، ދިވެހިރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުމާ ގުޅުވައިގެން ކުރެއްވި މި ޒިޔާރަތަކީ ދެގައުމުގެ މެދުގައި އޮތް ބަދަހި ބައިވެރިވުން ނަމޫނާކޮށްދޭ، އަދި ދެފަރާތުގެ ގުޅުން ފުޅާކުރުމަށް އާ ދިރުމެއް ލިބިގެންދިޔަ ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި މި ޒިޔާރަތުގެ ނަތީޖާއިން ދެގައުމުގެ މެދުގައި އޮތް ގާތް އެކުވެރި ގުޅުން އިތުރު އުސްމިންތަކަކަށް ދިއުމަށް މަގުފަހިވެ، ދެގައުމުގެ ރައްޔިތުންގެ މަންފާއަށްޓަކައި މުސްތަޤްބަލަށް އަމާޒުހިފާފައިވާ ބައިވެރިވުމެއް ކުރިއަށްދާނެކަމުގެ ޔަޤީންކަން ދެ ވަޒީރުންވެސް ފާޅުކުރެއްވިއެވެ.