ޚަބަރު

ޔަހޫދީންގެ ހަރުކަށި ސިޔާސަތުތައް ހުއްޓުވުމަށް ޢަރަބި ލީގުން ޓްރަމްޕަށް ގޮވާލައިފި


ޢަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް ނަބީލް ފަހުމީ، ފަލަސްޠީނުގެ ރައްޔިތުންނާ މެދު ޔަހޫދީން ގެންގުޅޭ ހަރުކަށި ސިޔާސަތުތައް ހުއްޓުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ގޮވާލައްވައިފިއެވެ.

އޭނާ އިންޒާރު ދެއްވި ގޮތުގައި މެދުއިރުމަތީގެ މަސްރަޙު މިހާރު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައިކަމަށެވެ.

ރައީސް ޓްރަމްޕާއި ޔަހޫދީ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވޮޝިންޓަންގައި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނިކޮށް ނެރުއްވި ބަޔާނެއްގައި ފަހުމީ ވިދާޅުވީ، ސަރަޙައްދުގެ މަޝްރަޙު ގޯސްވަމުންދާ ދިއުމާއެކު މުޅި ސަރަޙައްދު މިހާރު މިސްރާބު ޖަހާފައިވަނީ ނުރައްކާތެރި ފައްތަރަކަށް ކަމަށެވެ.

މި ހާލަތު މިގޮތަށް މެދުވެރިވާންޖެހުނީ ފަލަސްޠީނުގެ މައްސަލައަށް ދާއިމީ ޙައްލެއް ނުލިބި ދިގުލައިގެން ދިއުމާއި، ޚަލީޖު ސަރަޙައްދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުންކަން އޭނާ ފާހަގަކުރެއްވިއެވެ.

ފަހުމީ މިހެން ވިދާޅުވީ މުޅި ސަރަޙައްދުގެ ހަމަޖެހުން ގެއްލިފައިވާ ދަނޑިވަޅެއްގައެވެ. އޭގެ ތެރޭގައި ޣައްޒާގެ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރުމުގައި ހުރި ހުރަސްތަކާއި، އިސްތިއެމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ނުތަނަވަސްކަމާއި، ހުރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ޚިލާފުތަކުގެ އިތުރުން، ޔަމަނުގެ ޙޫޘީން ރަތްކަނޑުން ދަތުރުކުރާ އުޅަނދުފަހަރަށް ދެމުންދާ ހަމަލާތައް ހިމެނެއެވެ.

ޢަރަބި ލީގުގެ އިސްވެރިޔާ އިތުރަށް ވިދާޅުވީ، ސަރަޙައްދީ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަކީ ހުރިހާ ފަރާތްތަކެއްގެ ޒިންމާއެއް ކަމަށާއި، ވަކިން ޚާއްޞަކޮށް މަޝްރަޙު އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓުމުގައި އެމެރިކާގެ މައްޗަށް ބޮޑު މަސްއޫލިއްޔަތެއް އެބައޮތް ކަމަށެވެ.