ޚަބަރު

ކޮމަންވެލްތު ޓީޓީ ޗެންޕިއަންޝިޕް: އަންހެން ޓީޓީ، ޓީމު ދެވަނަ ބުރަށް


  • ރާއްޖޭގެ އަންހެން ޓީމުވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗް ކާމިޔާބުކޮށްފައި

  • ފިރިހެން ޓީމުވެސް މުބާރާތް ފެށީ މޮޅަކުން

22 ވަނަ ކޮމަންވެލްތު ޓީޓީ ޗެންޕިއަންޝިޕުގައި ވާދަކުރަމުންދާ ރާއްޖޭގެ އަންހެން ޤައުމީ ޓީމު ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

އިންޑިއާގެ ދިއްލީގެ ތިޔަގްރާޖް ސްޓޭޑިއަމްގައި ކުރިއަށްދާ މިމުބާރާތުގައި މިހާތަނަށް ރާއްޖޭގެ އަންހެން ޓީމު ތިން މެޗު ކުޅެފައިވާއިރު، އިންޑިއާ އާ ވާދަކޮށް 3 ސެޓުން ރާއްޖެވަނީ ބަލިވެފައެވެ. އެހެންނަމަވެސް ނޮދާން އަޔަލެންޑާއި ވާދަކުރި މެޗު 3-1 އިން ރާއްޖެއިން ކާމިޔާބުކުރިއިރު، ސީދާ ތިން ސެޓުން ރާއްޖޭގެ ޓީމުވަނީ ސައުތް އެފްރިކާ ބަލިކޮށްފައެވެ.

ރާއްޖޭގެ އަންހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ ފާތިމަތު ދީމާ ޢަލީ، ޢާއިޝަތު ރަފާ ނާޒިމް، މިޝްކާ މުހައްމަދު އިބްރާހިމްއެވެ.

މުބާރާތުގައި ވާދަކުރަމުންދާ ރާއްޖޭގެ ފިރިހެން ޓީމުވެސް މުބާރާތް ފަށާފައިވަނީ މޮޅަކުންނެވެ. މިމެޗު ރާއްޖޭން ކާމިޔާބުކުރީ ސީދާ ތިން ސެޓުން ނެމީބިއާ ބަލިކޮށްގެންނެވެ. ރާއްޖޭގެ ފިރިހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ މުހައްމަދު ޝައްފާން އިސްމާއިލް، މޫސާ މުންސިފް އަހްމަދު އަދި އަޚްޔާރް އަހްމަދު ޚާލިދްއެވެ.

މިމުބާރާތުގައި ދެ ޑިވިޝަނުންވެސް ކުޅުންތެރިން ވާދަކުރާއިރު، މުބާރާތް ކުރިއަށްދާނީ ސިންގަލްސް، ޑަބަލްސް، މިކްސްޑް ޑަބަލްސް އަދި ޓީމް އިވެންޓްތައް ހިމެނޭހެންނެވެ.

22 ވަނަ ކޮމަންވެލްތް ޓީޓީ ޗެންޕިއަންޝިޕަކީ ދިއްލީ ގަވަރމަންޓް އޮފް ޓޭބަލް ޓެނިސް އަދި ޓޭބަލް ޓެނިސް ފެޑެރޭޝަން އޮފް އިންޑިއާ ގުޅިގެން އިންތިޒާމުކުރާ މުބާރާތެކެވެ. މިމުބާރާތުގައި 35 ގައުމަކުން އެތްލީޓުން ވާދަކުރެއެވެ.