ޚަބަރު

އައިރީނާއަށް ރާއްޖޭން ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް ޠާރިޤް


  • އައިރީނާއަކީ އިޔާދަކުރަނިވި ހަކަތަޔާއި ބެހޭ ބައިނަލްއަޤްވާމީ އިދާރާ

  • ޠާރިޤަކީ ތިމާވެއްޓާއި ހަކަތައިގެ ދާއިރާއިން ތަޖުރިބާ ހުރި ބޭފުޅެއް

ދިވެހިރާއްޖޭން އިންޓަނޭޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީ، އައިރީނާއަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް ޠާރިޤް އިބްރާހިމް އައްޔަން ކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

އެމަނިކުފާނު ވަނީ އައިރީނާއަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް ޠާރިޤް އައްޔަން ކުރެއްވުމަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. މި މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

ޤާނޫނުއަސާސީ އާއި ފޮރިން ސަރވިސް ޤާނޫނުގެ ދަށުން ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކަށް ސަފީރުން އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ ރުހުން ހޯއްދަވަން ޖެހެއެވެ. އެހެންކަމުން، އައިރީނާއަށް ކަނޑައަޅުއްވާ މަންދޫބަކަށް ޠާރިޤު އައްޔަން ކުރެވޭނީ މަޖިލީހުގެ ކޮމިޓީން އެ މައްސަލަ ދިރާސާކޮށް، ތަޅުމުގައި ނަގާ ވޯޓަކުން ރުހުން ލިބުމުންނެވެ.

ޠާރިޤް އިބްރާހިމްއަކީ ތިމާވެއްޓާއި ހަކަތައާބެހޭ ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އެގޮތުން، މި ސަރުކާރުގެ ތިމާވެއްޓާބެހޭ ވަޒީރުގެ މަޤާމު އޭނާ ވަނީ އަދާކުރައްވާފައެވެ. އަދި މިހާރު ހުންނެވީ ރާއްޖޭން އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުގައެވެ.

މީގެ ކުރިން ރާއްޖޭން އައިރީނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަޤާމުގައި ހުންނެވީ ކުރިން އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު މުޙައްމަދު ޙުސައިން ޝަރީފެވެ.

އިޔާދަކުރަނިވި ހަކަތަޔާއި ބެހޭ ބައިނަލްއަޤްވާމީ އިދާރާ، އައިރީނާ އުފައްދާފައިވަނީ 2009 ވަނަ އަހަރުގައެވެ. އެޖަމްޢިއްޔާ އުފެދުނީންސުރެ ރާއްޖެއަކީ އެ ޖަމްޢިއްޔާގެ މެންބަރު ޤައުމެކެވެ. ޔޫރަޕިއަން ޔޫނިއަންގެ އިތުރުން އެ ޖަމުޢިއްޔާގެ މެންބަރު ޤައުމުތަކުގެ ޢަދަދު 169 އަކަށް އަރައެވެ.