މޯލްޑިވްސް ފުޑް ޑްރަގް އޮތޯރިޓީގެ ހުއްދަ ނެތި އާއްމު އެއްވެސް ފިހާރައެއްގައި އެއްވެސް ބޭހެއް ނުވިއްކޭ ގޮތަށް އަލަށް އެކުލަވާލި ބޭހާ ބެހޭ ޤަވާއިދުގައި ހިމަނައިފިއެވެ. މި ޤަވާއިދަށް ޢަމަލުކުރަން ފަށާނީ އަންނަ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެންނެވެ.
މިހާރު އާއްމުކޮށްފައިވާ ބޭހާ ބެހޭ އައު ޤަވާއިދުގައި ބޭސް އެތެރެކުރުމާއި ގުދަން ކުރުމާއި، ވިއްކުމުގައި ޢަމަލުކުރާނެ ގޮތްތަކެއް ވަނީ ކަނޑައަޅާފައެވެ.
ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން އެކުލަވާލި ޤަވާއިދުގައި، ބޭސް ވިއްކުމުގެ މިންގަނޑުތަކެއް ވަނީ ކަނޑައަޅާފައެވެ. އަލަށް އެކުލަވާލި ޤަވާއިދުގެ ދަށުން، އެމްއެފްޑީއޭއިން ބޭހެއްގެ ގޮތުގައި ގިންތިކޮށްފައިވާ އެއްވެސް ބާވަތެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، (އެމްއެފްޑީއޭ) ގެ ހުއްދަނެތި އާންމު ފިހާރަތަކުގައި ބަހައްޓައި ވިއްކުމަކީ މަނާ ކަމެކެވެ. ނަމަވެސް ޑޮކްޓަރުގެ ލިއުމެއް ނެތި ދޫކުރާ ބައެއް ބޭސްތައް ހާލަތައް ބަލާ އެމްއެފްޑީއޭގެ ހުއްދަ ނަގައިގެން އާންމު ފިހާރަތަކުގައި ވިއްކުން ޤަވާއިދުން މާނާ ނުކުރެއެވެ.
ބޭހާ ބެހޭ ޤަވާއިދުގައި މިގޮތަށް ބަޔާންކޮށްފައިވާއިރު، މީގެ ކުރިން އާންމު ފިހާރަތަކުގައި ވަކި ޕްރިސްކްރިޕްޝަން ނެތި ވިއްކާ ބޭސްތައް އިތުރު ހުއްދައަކާއި ނުލާ ވިއްކެއެވެ. އާންމުކޮށް އެ ފިހާރާތަކުގައި، ވިއްކަނީ ހުމާއި ރޯގާއަށް ބޭނުން ކުރާ އާއްމު ބޭސްތަކެވެ.
މި ޤަވާއިދުގެ ދަށުން ބޭސް ވިއްކާ ފިހާރަތައް އެމްއެފްޑީއޭގައި ރަޖިސްޓްރީ ކުރަން ޖެހޭއިރު، އެތަންތަން ހުންނަންވާ މިންގަނޑުވެސް ވަނީ ޤަވާއިދުގައި ބަޔާންކޮށްފައެވެ. މި ޤަވާއިދުގެ ދަށުން ފާމަސީތައް ދެ ގިންތިއަކަށް ބަހާލައެވެ. އެއީ ސިއްޚީ ޚިދުމަތްދޭ ތަންތަނުގެ ތެރޭގައި ހުންނަ ބޭސް ފިހާރަތަކާއި ވަކިން ހުންނަ ބޭސް ފިހާރަތަކެވެ. މި ޤަވާއިދުގެ ދަށުން ބޭސް ފިހާރަތަކުގައި ވެކްސިނާއި ބަޔޮލޮޖިކަލްސް ބަހައްޓާނަމަ އެކަން ލިއުމުން އެމްއެފްޑީއޭއަށް އަންގަން ޖެހެއެވެ.
ކޮންމެ ބޭސް ފިހާރައަކަށް ބޭސް ވިއްކުމުގެ ހުއްދަ ދޫކުރަނީ 3 އަހަރުގެ ދުވަހުގެ މުއްދަތަކަށެވެ. މި މުއްދަތުގެ ތެރޭގައި ވަގުތީ ގޮތުން ބޭސް ވިއްކުން ހުއްޓާލާނަމަ ނުވަތަ ބޭސް ފިހާރައަށް ބަދަލެއް ގެންނަ ނަމަ އެކަން އެމްއެފްޑީއޭއަށް އަންގަން ބޭހާ ބެހޭ ޤަވާއިދުގައި ވަނީ ހިމަނާފައިވެއެވެ.
ބޭސް ވިއްކަން ހުންނަ އެ ފާމަސިސްޓަކު މަސައްކަތްކުރާ ބޭސްފިހާރައިގެ ނަމުގައި މަސައްކަތްކުރުމަށް އެމްއެފްޑީއޭއިން ދޫކުރާ "ފާމަސިސްޓު ކާޑު" އޮންނަން ޖެހޭ ކަމަށް ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ބިދޭސީއެއް ފާމަސިސްޓަކަށް ހުންނަ ނަމަ ބިދޭސ ފާމަސިސްޓަކު ބޭސްފިހާރައިގައި މަސައްކަތްކުރާ އެމްއެފްޑީއޭއިން ދޫކުރާ، ދިވެހިބަސް ދަންނަކަމުގެ ލިޔުން އޮންނަންވާނެ ކަމަށް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އެފަދަ ލިޔުމެއް ނެތް ނަމަ، ތަރުޖަމާކޮށްދެވޭނެ އިތުރު ބޭސް ފިހާރައިގަ ހުރުން ވަނީ ލާޒިމްކޮށްފައެވެ.
މި ޤަވާޢިދުގެ ދަށުން އިންޓަނެޓް މެދުވެރިކޮށް ނުވަތަ އޮންލައިންކޮށް ބޭސް ވިއްކޭނީ ނުވަތަ ބޭސް ޑެލިވާރ ކުރެވޭނީ، މި ޚިދުމަތް ދިނުމަށް އެމްއެފްޑީއޭގައި ރެޖިސްޓްރީކޮށް އެކަމުގެ ހުއްދަ އޮތް ފަރާތްތަކަށެވެ. އަދި މިގޮތަށް ވިއްކޭނީ، ހަމައެކަނި ރާއްޖެއަށް އިމްޕޯޓްކުރުމުގެ ހުއްދަ އޮތް ބޭހުގެ ތެރެއިން ޑޮކްޓަރުގެ ބޭސް ސިޓީ އަކާ ނުލައި ވިއްކުން ހުއްދަ ބޭސް ކަމަށް ބޭހާ ބެހޭ އައު ޤަވާއިދު ވަނީ ބަޔާންކޮށްފައެވެ.
މި ޤަވާޢިދުގައި ބޭސް ސިޓީގައި ހުންނަ ޖެހޭ މިންގަނޑުތަކާއި ބޭސް ފިހާރަތަކުން ވިއްކާއިރު ލޭބަލް ކުރުމުގައި ހިމަނަންޖެހޭ މައުލޫމާތު ބަޔާންކޮށް ލޭބަލްގެ ނަމާނޫނާ ވެސް ވަނީ ހިމަނާފައެވެ.
ޤަވާޢިދުގައި ބަޔާންކޮށްފައިވާ އެއްވެސް ކަމަކާއި ޚިލާފުވެއްޖެނަމަ އެކަމުގެ ކުޑަބޮޑުމިނަށް ބަލައި 10،000ރ. އާއި 100،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު އެމްއެފްޑީއޭއަށް ލިބެއެވެ.