ޚަބަރު

ހުރްމުޒް ބެލެހެއްޓުމަށް އީރާނުގެ އައު ހުށަހެޅުމެއް


ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމަށް ޓަކައި އީރާނަށް މުޅިން އައު އަދި ފުރިހަމަ ހުށަހަޅުމެއް ޢުމާނުން ހުށަހަޅައިފިއެވެ. މި ކަމުގެ މަޢުލޫމާތު އިނގޭ މަޞްދަރުތަކުން ބުނީ، އީރާނާ ގުޅިގެން އެ ކަނޑުއޮޅި ބެލެހެއްޓުމަށް ޢުމާނުން އެއްބަސްވެ ހުށަހަޅާފައިވާ ހުށަހެޅުމުގައި ކަނޑުއޮޅި ބޭނުންކުރާ އުޅަނދުފަހަރުން ފީއެއް ނެގުމާ ގުޅޭ ގޮތުން މުހިންމު ޙައްލެއް ހުށަހަޅާފައިވާ ކަމުގައެވެ. މި ގޮތުން، ޢުމާނުން ހުށަހަޅާފައި ވަނީ، ފީއެއް ދެއްކުމުގެ އިޚުތިޔާރު އެ ކަނޑުއޮޅި ބޭނުންކުރާ ކުންފުނިތަކާއި އުޅަނދުފަހަރުގެ މައްޗަށް ދޫކޮށްލުމަށެވެ. ގަލްފުގެ ޤައުމުތަކުގެ ރުހުމާއެކު މި ފަދަ ނިޒާމެއް ޤާއިމު ކުރެވިއްޖެ ނަމަ، ސަރަޙައްދަށް އިތުރު ފަސޭހަތަކާއި ދާއިމީ ހަމަޖެހުން ލިބިގެންދާނެ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޢުމާންގެ އައު ހުށަހެޅުމަށް ސަރަޙައްދީ ޤައުމުތަކުގެ ތާޢީދު ލިބިފައިވާ ކަމުގައި މަޞްދަރުތަކުން ބުނެއެވެ. ނަމަވެސް، އީރާނުން ކުރިން ދަޢުވާ ކުރަމުންދިޔަ ގޮތާ ޚިލާފަށް، އައު ހުށަހެޅުމާއެކު ކަނޑުއޮޅީގެ ފުރިހަމަ ކޮންޓުރޯލު ތެހްރާނަށް ލިބިގެނެއް ނުދާނެއެވެ. ޢުމާންގެ އައު ހުށަހެޅުން ބިނާކޮށްފައިވަނީ މަލާކާ ކަނޑުއޮޅިން ފީ ނެގުމުގެ އުސޫލު މިސާލަކަށް ބަލައިގެންނެވެ. މަލާކާގައި އަމަލުކުރަމުންދާ ސިޔާސަތުގެ ދަށުން ކަނޑުއޮޅީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ތިމާވެށި ޙިމާޔަތްކުރުމަށް ފީއެއް ދެއްކުމަކީ އެ ކަނޑުއޮޅި ބޭނުންކުރާ ކުންފުނިތަކާއި އުޅަނދުފަހަރުގެ މައްޗަށް އޮތް އިޚުތިޔާރީ ކަމެކެވެ. މި ފަދަ ނިޒާމެއް ހުރްމުޒްގައި ޤާއިމުކުރެވިއްޖެ ނަމަ ދަތުރުފަތުރަށް ވެސް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

ތޭރަ ދުވަހުގެ ޢުދުވާންތަކަށް ފަހު އެމެރިކާއިން އީރާނަށް ދެމުންދިޔަ ނިރުބަވެރި ހަމަލާތައް ޖުލައި 25 ވަނަ ދުވަހު މެދުކަނޑައިލުމާއެކު، ހުރްމުޒް ކަނޑުއޮޅި ދަތުރުފަތުރަށް ހުޅުވި، އެމެރިކާއިން އިސްވެ ފެށި ޣައިރުޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޚާރިޖީ ޙައްލެއް ހޯދޭނެ ކަމުގެ އުންމީދު ވަނީ އައުވެފައެވެ. ހަނގުރާމަ ފެށުމުގެ ކުރިން، ދުނިޔޭގައި ބޭނުންކުރާ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލަމުން ގޮސްފައި ވަނީ އެ ކަނޑުއޮޅިންނެވެ. އީރާނާއެކު "ރަނގަޅު ވާހަކަތަކެއް" ދެކެވެމުންދާ ކަމަށާއި، ވަރަށް އަވަހަށް ޞުލްޙައިގެ އެއްބަސްވުމެއް ޤާއިމުކުރެވުމުގެ ފުރުޞަތު ބޮޑު ކަމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ނަމަވެސް، އީރާނުން ބުނީ، ހަމަލާތައް ހުއްޓައިލައި މަޝްވަރާގެ މަގު އިޚުތިޔާރުކުރުމަށް އިސްވެ އެދިފައި ވަނީ ތެހްރާނުން ނޫން ކަމުގައެވެ. މިހާރު ކުރަމުންދާ މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ، އަލުން ހަނގުރާމަ ފަށްޓަވާނެ ކަމުގައި ވިދާޅުވެ، ޓްރަމްޕް ވަނީ އިންޒާރު ދެއްވާފައެވެ.

ހުރްމުޒާ ގުޅޭ ގޮތުން އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ މިހާރު ގެންދަވަނީ ސަރަޙައްދީ ބާރުތަކާއެކު މަޝްވަރާ ކުރައްވަމުންނެވެ. މި ގޮތުން، ޖުލައި 27 ވަނަ ދުވަހު އޭނާވަނީ ޢުމާނާއި ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައި، ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. އަދި، ސަރަޙައްދީ ހަމަޖެހުން ޤާއިމުކުރުމަށް ޓަކައި އެއްބާރުލުން އިތުރުކޮށް، ޚާރިޖީ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ. ހުރްމުޒަށް މި ވަގުތު ނުރައްކާވެފައި ވަނީ ވޮޝިންގޓަނުގެ ޢަމަލުތަކުން ކަމުގައި ވެސް ޢަރާޤިޖީ ވިދާޅުވިއެވެ. ސަރަޙައްދީ ބާރުތަކުގެ މެދުގައި ހުރްމުޒްގެ ކުރިމަގާމެދު މަޝްވަރާ ކުރެވެމުން ދިޔުމަކީ، ކުރިއަށް އޮތްތަނުގައި ސަރަޙައްދީ ހަމަޖެހުމަށް ބޮޑު ކުރިއެރުންތަކެއް ލިބޭނެ ނިންމުމެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.