ޚަބަރު

ސަރޖަރީއަށް ފަހު ރޮޑްރީ ދުވަސްކޮޅަކަށް ކުޅުމާއި ދުރަށް


  • ރޮޑްރީ ކުޅުމުގެ ތެރެއަށް އާދެވޭނެ ދުވަހެއް ސިޓީއިން ހާމަކޮށްފައެއް ނުވޭ

އިނގިރޭސި ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީއަށް ކުޅޭ ސްޕެއިންގެ ކެޕްޓަން ރޮޑްރީ، ކުރި ސަރޖަރީއަށްފަހު ދުވަސްކޮޅަކަށް ކުޅުމާއި ދުރައްދާން ޖެހިއްޖެއެވެ.

ސިޓީއިން ބުނިގޮތުގައި ރޮޑްރީގެ ބުރަކައްޓަށް އުނދަގޫވާތީ އުޅެތާ މިހާރު ދުވަސްކޮޅެއް ވެއްޖެކަމަށާއި އެހެން ކަމުން މިހާރު އޭނާ ސަރޖަރީ އެއް ހެދީކަމަށެވެ. ނަމަވެސް ސިޓީއިން ހާމަކުރާގޮތުގައި މިއީ އެހާ ބޮޑު އޮޕަރޭޝަނެއް ނޫނެވެ. އަދި އޭނާ އަލުން ކުޅުމުގެ ތެރެއަށް އަނބުރާ ގެނައުމަށްޓަކައި ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެއެވެ. ނަމަވެސް ސިޓީއިންވަނީ ރޮޑްރީ އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނެ ދުވަހެއް ބުނަން އަދި ތަންކޮޅެއް އަވަސްކަމަށް ބުނެފައެވެ.

ސިޓީގެ ކޯޗުކަމާއި މިސީޒަންގައި ހަވާލުވި އިޓަލީވިލާތުގެ އެންޒޯ މަރެސްކާ ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސްވަނީ ރޮޑްރީއަށް ލިބިފައިވާ އަނިޔާ އަކާއި ގުޅިގެން އޮޕަރޭޝަނެއް ކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ. އަދި ރޮޑްރީއަށް އަރާމު ކުރާނެ ވަގުތު ބޭނުންވާކަން ހާމަކޮށްފައެވެ.

ސިޓީއާއެކު ރޮޑްރީ ހަދާފައިވާ އެއްބަސަވުމުގައި ބާކީ މިހާރު އެއް އަހަރު އޮތް އިރު އޭނާ ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑަށް ގެންދަން ރެއާލް އިން މަސައްކަތް ކުރާކަމުގެ އަޑުވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. އަދި ބައެއް މިޑިއާތަކުން ބުނާގޮތުގައި ރޮޑްރީވެސް ބޭނުންވަނީ ސިޓީގެ ކޮންޓެކްޓް އާނުކޮށް ރެއާލްއަށް ބަދަލުވާށެވެ.

ރޮޑްރީ ވޭތިވެދިޔަ ދެސީޒަންގައި އަނިޔާގެ ގިނަ މައްސަލަ ތަކަކާއި ކުރިމަތިލާންޖެހިފައިވެއެވެ. އަދި ހާއްސަކޮށް 2024-2025 ވަނަ އަހަރުގެ ސީޒަންގެ ބޮޑުބައި ކުޅުމާއި ދުރުގައި ދިޔައިރު ނިމިގެންދިޔަ ސީޒަންގައި އަނިޔާގެ މައްސަލަ ތަކާހުރެ އޭނާގެ އެންމެ ރަނގަޅު ކުޅުން ސިޓީގައި ފެނިގެން ގޮސްފައެއް ނުވެއެވެ.

ސިޓީއިން އާސީޒަނަށް ފަރިތަކުރުންތައް ފަށާފައިވާއިރު ސީޒަން ފައްޓަން ވާއިރަށް ރޮޑްރީ މުޅިން ފިޓްވާނެތޯ މިއީ އުފެދޭ ސުވާލެކެވެ. އަދި ސީޒަންގެ ފުރަތަމަ މެޗެއްގެގޮތުގައި އެފް އޭ ކަޕްގެ ޗެމްޕިއަން ސިޓީ އާއި ޕްރިމިއަރ ލީގުގެ ޗެމްޕިއަން އާސެނަލްގެ މެދުގައި ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗު އޮތީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުއެވެ. އަދި ޕްރިމިއަރ ލީގުގައި ސިޓީ ކުޅޭ ފުރަތަމަ މެޗުގައި އޮގަސްޓް މަހުގެ 23 ވަނަ ދުވަހު ނިކުންނާނީ ބޯންމޯތާއި ދެކޮޅަށެވެ.