ޕެންޝަން ސްކީމް މެދުވެރިކޮށް ޙައްޖަށް ދިޔުމަށް ފައިސާ ދެއްކޭނެ އިންތިޒާމާއެކު ހައްޖު ކިޔުއަށް އެރޭ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ.
2019ވަނަ އަހަރު ޕެންޝަނާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުގައި ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ޕެންޝަން ފަންޑުން 80 އިންސައްތަ ދޫކުރެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ. ނަމަވެސް މިއަހަރު މި ޤާނޫނަށް ގަނައި އިސްލާޙްގައި ޙައްޖަށް ދިޔުމަށްޓަކައި ޕެންޝަން ސްކީމްގެ ތެރެއިން ލުއިތައް ދިނުމަށް ނިންމަވާފައެވެ.
ޕެންޝަނާ ބެހޭ ޤާނޫނަށް ގެނައި އިސްލާޙްގައި ވަނީ ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމުގެ ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ކުންފުނީގެ ހަވާލުގައި ޙައްޖަށް ދިޔުމަށްޓަކައި ދައްކަންޖެހޭ އަގުގެ %20 ޙައްޖަށް ދިޔުމަށް އެދޭ ފަރާތުން އެ ކުންފުންޏަށް ދައްކާފައިވާނަމަ، ޙައްޖަށް ދިޔުމަށްޓަކައި ދައްކަންޖެހޭ އަގުގެ ތެރެއިން ބާކީ %80 ފައިސާ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުން ހަމަޖެއްސޭނެކަމަށެވެ. މިއާއެކު ރާއްޖެއިން ޙައްޖަށް މީހުންގެންދިޔުމަށް ކަނޑައާޅާފައިވާ ކިޔުގެ ތަރުތީބުން އެމީހަކަށްވެސް ޖާގަ ރިޒާވްކޮށް ޙައްޖު ކިޔުއަށް އެރޭނެއެވެ.
މިގޮތަށް ޙައްޖު ކިޔުއަށް އެރޭނީ ކުރިންވެސް އޮންނަ ގޮތަށް ފަރުޟު ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކަށާއި، ޕެންޝަން ލިބޭ ޢުމުރު ހަމަވާއިރު މަހަކު 2000 ރުފިޔާ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ދެވޭ މިންވަރަށް އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓުގައި ޖަމާވެފައި ހުރި ފަރާތަކަށެވެ. އަދި މިގޮތަށް ފައިސާ ދޫކުރުމަށްޓަކައި ޕެންޝަން ސްކީމްގައި ހުރި ފައިސާ ހިސާބުކުރަންވާނީ ގެދޮރު ގަތުމަށްޓަކައި ޑައުންޕޭމަންޓް ދެއްކުމަށް ޕެންޝަން ސްކީމުން ފައިސާ ބޭނުންކޮށްފައިވާނަމަ، އެފައިސާ އުނިކޮށްފައެވެ.
މީގެ އިތުރުން ޙައްޖަށް ދިޔުމުގެ ޖާގަ ރިޒާވްކޮށްފައިވާ ސްކީމްގެ ބައިވެރިޔެއްގެ ފައިސާ ސަރުކާރުގެ ފަރާތުން މީހުން ޙައްޖަށް ގެންދިޔުމުގެ ޚިދުމަތް ދިނުމުގައި ޙަރަކާތްތެރިވާ ކުންފުންޏަށް ދޫކުރުމުގެ މުއްދަތުތަކާއި އެ ފައިސާ ދޫކުރުމާބެހޭ އުޞޫލުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާނެއެވެ. އަދި މިސްކީމްގެ ބައިވެރިޔެއްގެ ޕެންޝަން އުމުރު ހަމަވާ ފަހުންވެސް އެފަރާތުން ހުށަހަޅައިފިނަމަ ޙައްޖަށް ދިޔުމަށްޓަކައި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކުރެވޭނެއެވެ.
ޙައްޖަށް ދިޔުމުގެ ޖާގަ ރިޒާވްކުރުމަށްޓަކައ،ި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުން ފައިސާ ހަމަޖެއްސުމާއި އެފައިސާ ދޫކުރުމާ ގުޅޭގޮތުން ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމުގެ ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ކުންފުންޏާއެކު ޕެންޝަން އޮފީހުން އެއްބަސްވުމެއްގައި ސޮއިކުރަންޖެހެއެވެ. "ޙައްޖުގެ އުޅަކަން އާދުކުރުމަށް ޖާގަ ރިޒާވް ކުރެވޭނެ ގޮތް ހެދުމާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ސްކީމްގައި ބައިވެރިވެވޭނެ ގޮތް ހަދައި ފަންޑު އިންވެސްޓުކުރުމާ ހިންގުން ވަނީ ކުރިއަށްވުރެ ހަރުދަނާކޮށްފައި. މި ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ޤަވާއިދުތަކާއި އިދާރީ އިންތިޒާމްތައް 3 މަސްދުވަހުގެ ތެރޭޣައި ފުރިހަމަ ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން."ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރ އަޙްމަދު ސިނާން ވިދާޅުވިއެވެ.
އެމްއާރުޕީއެސް ހައްޖު ބެނެފިޓް ޕްރޮގްރާމަކީ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ މެންބަރުނަށް ޙައްޖުގެ އަޅުކަން އަދާކުރުމަށް އެފަރާތްތަކުގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުއަށް ޖަމާކުރެވިފައިވާ ފައިސާ ބޭނުންކުރެވޭ ގޮތަށް ދޭ އިނާޔަތެކެވެ. މި ޕްރޮގްރާމުގެ ދަށުން އެމްއާރްޕީއެސް މެންބަރުންގެ ތެރެއިން ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓްބެލެންސްގައި 336000 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ޖަމާވެފައި ހުންނަންޖެހެއެވެ.