އަހަރުގެ މިހާތަނަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތައް ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ. ރިސޯޓް ކުލީގެ ގޮތުގައި 1.1 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
ރިސޯޓް ކުލީގެ ގޮތުގައި ދައުލަތައް ލިބޭ އާމްދަނީ ދަނީ އިތުރުވަމުންނެވެ. މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުން ޖުލައި 16ގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ.
މިއަހަރުގެ މި މުއްދަތުގައި ރިސޯޓް ކުލީގެ ގޮތުގައި ލިބިފައިވަނީ 1.1 ބިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %8.4 އިތުރުވުމެކެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ޑެއިލީ އަޕްޑޭޓް ރިޕޯޓުން ދައްކާގޮތުން ރާއްޖޭގައި މިވަގުތު 185 ރިސޯޓެއް އެބައޮތެވެ. މީގެތެރެއިން 179 ރިސޯޓަކުން ފަތުރުވެރިންނަށް ދަނީ ޚިދުމަތް ދެމުންނެވެ. ޚިދުމަތް ދެމުން އަންނަ ރިސޯޓްތަކުގެ ބެޑް ކެޕޭސިޓީއަކީ 45،115 އެވެ.
ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ރިސޯޓްތަކުގައެވެ. އަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން %72.9 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ 877،914 ފަތުރުވެރިންކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް ލުއިތައްދީ އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް ގެނައި އިސްލާހު ފާހަގަކޮށްލެވެއެވެ. މި އިސްލާހުގައި ސްޕެޝަލް އިކޮނޮމިކް ޒޯންގައި އިންވެސްޓްކުރެވޭނީ 500 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަ ނޫން ޢަދަދެއްގެ އިންވެސްޓްމަންޓްތައް ކަމަށް ބަޔާންކޮށްފައިވެއެވެ. މި ގާނޫނާއިއެކު އިންވެސްޓަރުން ރާއްޖެއަށް ގެނެވި، ޢުމްރާނީ ގޮތުންނާއި މާލީ ގޮތުން ސީދާ ރައްޔިތުންނަށް ކުރިއެރުން ލިބި، ވަށައިޖެހޭ ތަރައްޤީ ރާއްޖެއަށް ގެނެވޭނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.