ވިލާތުގެ އިއްތިހާދު، އީޔޫ އާއި ބެލްޖިއަމަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށް އައްލްއުސްތާޛާ ފާތިމަތު ދިޔާނާ ސަޢީދު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
އެ މަޤާމަށް ދިޔާނާ އައްޔަން ކުރެއްވުމެއް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވީ މި މަހުގެ 7ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށެވެ. މި މައްސަލަ ދިރާސާކުރުމަށްފަހު ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ އެ މަޤާމަށް ދިޔާނާ އައްޔަން ކުރެއްވުމަށް ފެންނަ ކަމަށް ފާސްކޮށްފައެވެ.
ކޮމިޓީ މަރުހަލާގައި މި މައްސަލަ ދިރާސާކުރުމަށްފަހު މެންބަރުން ނިންމަވާފައިވަނީ ދިޔާނާއަކީ މަޤާމަށް ގާބިލު، ޝަރުތުހަމަވާ ބޭފުޅެއް ކަމަށެވެ. އެހެންވެ، އީޔޫ އާއި ބެލްޖިއަމަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް އޭނާ އައްޔަންކުރުމަށް ފެންނަ ކަމަށް ފާސްކުރީ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ކޮމިޓީ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވުމުން ނެގި ވޯޓުގައި ދިޔާނާއަށް ރުހުން ދޭން ފެންނަ ކަމަށް 52 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ދިޔާނާ ވަނީ ބަންޑާރަނައިބުގެ މަޤާމު އަދާކުރައްވާފައެވެ. އޭގެ ފަހުން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދުގެ ވެރިކަމުގައި ދިޔާނާ ވަނީ ޖެންޑަރ މިނިސްޓަރުކަމުގެ މަޤާމުވެސް ފުރުއްވާފައެވެ.
ސަފީރުގެ މަޤާމަށް ދިޔާނާގެ ނަން ފޮނުއްވުމުގެ ކުރިން، ޚާރިޖީ ވުޒާރާގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމަށް އޭނާ ވަނީ އައްޔަންކުރައްވާފައެވެ. މި މަޤާމަށް އޭނާ އައްޔަން ކުރެއްވީ މިދިޔަ އޭޕްރިލް މަހުއެވެ.
ދިޔާނާގެ އިތުރުން ސައުދީ އަރަބިއްޔާއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރު ބަހުރެއިނަށް ރާއްޖޭން ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރަކަށް އައްޔަން ކުރެއްވުމަށްވެސް މަޖިލީހުން ވަނީ ރުހުންދެއްވާފައެވެ. ސަރީރަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފައިވަނީ 53 މެންބަރުންގެ އިއްތިފާގުންނެވެ.