ޚަބަރު

"ބޮޑުތަކުރުފާނުމަގު ތަރައްޤީކުރަން ފައިސާ ހަމަޖެއްސީ މިސަރުކާރުން"


  • މަގު އެއްކޮށް ތަރައްޤީކުރުމުން މާލޭގެ އެހެން މަގުތަކަށް ލުއިލިބޭނެކަމަށް ވިދާޅުވި

  • ބޮޑުތަކުރުފާނުމަގުގެ މަސައްކަތް ނޮވެމްބަރަށް އެއްކޮށް ނިންމާނެ

ބޮޑު ތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުއަކީ މި ސަރުކާރުން ފައިސާ ހަމަޖައްސައިގެން ކުރިއަށްގެންދިޔަ މަޝްރޫޢުއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބޮޑުތަކުރުފާނު މަގުގައި އަލަށް ތަރައްޤީކޮށް ހުޅުވި ސަރަޙައްދުގެ މިލްކުވެރިކަމާމެދު ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ސުވާލުއުފައްދާފައެވެ.

ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެކި މަރުހަލާތަކަށް ބަހާލައިގެން ތަރައްޤީ ކުރަމުންދާ ބޮޑުތަކުރުފާނު މަގުގެ ބާކީ ބައި ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން އެމްޕީއެލް ސަރަޙައްދުން ފެށިގެން ސުނާމީ ބިނާ މައިޒާންއާ ހަމައަށް ތަރައްޤީ ކުރުމާއެކު މަގުގެ މަސައްކަތް އެއްކޮށް ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށެވެ. ރައީސް ވިދާޅުވީ ބޭރުމަގު ތަރައްޤީ ކުރުމާއެކު މާލޭގެ އެތެރޭގެ މަގުތަކަށްވެސް ލުއިތަކެއް ލިބިގެންދާނެކަމަށެވެ.

"މި މަސައްކަތް ނިމުނީމަ ކޮޅަކަށް ދެ ލޭން އޮންނަ މަގެއް އޮންނާނެ. އޭގެ ސަބަބުން މާލެ ތެރެއަށްވެސް ވަރަށްބޮޑު ލުޔެއް ލިބިގެންދާނެ. މަގުހެދުމަކީ ތަރައްޤީ ހާސިލްކުރުމުގައި ވަރަށް މުހިއްމު ބައެއް. ދަތުރުފަތުރުގެ ނިޒާމްއަކީ އެންމެ ފުރަތަމަ ކުރެވޭ އެއްކަންތައް. ތަރައްޤީގެ މަގަކީ މަގު ހެދުންކަމަށްވެސް ވެދާނެ. އެހެންވެ މި ބަލަނީ މާލޭގަވެސް އަދި ރަށްރަށުގައިވެސް ތަރައްޤީގެ މަސައްކަތްތައް ކުރިއަށްގެންދިޔުމަށް" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މަގު ތަރައްޤީކުރުމުގެ މިލްކުވެރިކަމާ މެދު ބައެއް ފަރާތްތަކުން ވަކާލާތުކުރާއިރު ރައީސް ވިދާޅުވީ އެ މަޝްރޫޢަކީ ސީދާ މި ސަރުކާރުން ކުރިއަށްގެންދިޔުމަށް ނިންމެވި މަޝްރޫޢެއްކަމަށެވެ. އަދި އެ މަޝްރޫޢު ކުރިއަށްގެންގޮސްފައިވަނީ މި ސަރުކާރުން ފައިސާ ހަމަޖައްސައިގެން ކުރިއަށްގެންދާ މަޝްރޫޢެއްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިކަހަލަ ކަންކަމުން ސިޔާސީ މަންފާ ހޯދުމަށްވުރެ، ރައްޔިތުންނަށް ލިބޭ މަންފާ އިސްކޮށް ހިދުމަތް ބަލައިގަނެ މަރުހަބާ ކިޔުމަކީ ކުރަންޖެހޭ ކަމެއްކަމަށެވެ.

ރައީސް ވިދާޅުވީ ބޮޑުތަކުރުފާނު މަގުގައި ރުއްޖެހުމުގެ މަސައްކަތްތައް ކުރިއަށްދާނެކަމަށެވެ. އަދި ލޯންޗްތައް ލަފާ ފުރުމާސް ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ކުދި ޖެޓީތަކެއް ތަރައްޤީކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރުވަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް މަގު ތަރައްޤީކޮށްފައެވެ.

އެގޮތުން އެ ސަރަޙައްދުގެ މަގު ތަރައްޤީކޮށްފައިވަނީ، ފަޅުތެރެއިން ބައެއް ހިއްކައިގެން، 4 ލޭނަށް މަގު ފުޅާކުރުމަށްފަހު، 1.145 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައި، ދުވާރާއި ފެންހިންދާ ނިޒާމު ގާއިމުކޮށް، 500 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނަކާވެސް އެކުގައެވެ.