މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ދޫކޮށް، ހަސަން ނަޒީމް ގާސިމް (ޗޯޓު) ވިކްޓްރީ ސްޕޯޓްސް ކުލަބާ ގުޅިއްޖެއެވެ.
ނަޒީމް ވިކްޓްރީއާ ގުޅުނުއިރު، ނަޒީމަކީ ވިކްޓްރީއާ އަންނަ ސީޒަނުގައި ގުޅުނު ހަވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން ވިކްޓްރީ އިން ވަނީ އިތުބާރު ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު)، ނާއިޒް ހަސަން (ދާދު) ގޯލްކީޕަރު، އަހުމަދު ޝަފީއު (ޗެކް)، ހުސެއިން ނިހާން (ނިހާޓް) އަދި ހިސާމް ސަލީމް (ކޮކީ) ގެ ސޮއި ވެސް ހޯދައިފަ އެވެ.
ނަޒީމް މާޒިޔާ ގުޅުނީ 2023 ވަނަ އަހަރުއެވެ. ނަޒީމް އެ ފަހަރު މާޒިޔާއާއެކު ހަދާފައިވަނީ ތިން އަހަރުގެ އެއްބަސްވުމެކެވެ. އެހެންކަމުން ނަޒީމް ވިކްޓްރީއާ މި ގުޅުނީ މާޒިޔާއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުންނެވެ.
ނަޒީމް ފުރަތަމަ ޑިވިޝަނުގައި އެންމެ ފުރަތަމަ ފެނިގެންދިޔައީ ށ. ފޯކައިދޫ ފުޓުބޯޅަ ޓީމުންނެވެ. އެއީ 2018 ވަނަ އަހަރުގަ އެވެ. މީގެ އިތުރުން ލޯނު އެއްބަސްވުމެއްގެ ދަށުން 2021 ވަނަ އަހަރު ނަޒީމް ކުލަބް އީގަލްސް އިން ވެސް ފެނިގެންދިޔައެވެ.
އީގަލްސް އަށްފަހު ނަޒީމް ވަނީ ކުލަބް ގްރީން ސްޓްރީޓްސްގެ ޖާޒީގައި ވެސް ފެނިގެންގޮސްފައެވެ. އަދި އެ ޓީމާއެކު ދެއްކި މޮޅު ކުޅުމާއެކު ގައުމީ ޓީމުގެ ސްކޮޑުން ނަޒީމް ވަނީ ޖާގަ ހޯދައިފައެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓުގައި އެންމެ ގިނަ ކުޅުންތެރިން ބަދަލުވި އެއް ޓީމަކީ ވިކްޓްރީ ސްޕޯޓްސް ކުލަބެވެ.