ސަރަހައްދީ ޤައުމުތަކުގެ މެދުގައި ހުރި މައްސަލަތައް ސުލްހަވެރިކަމާއެކު ވާހަކަ ދައްކައިގެން ހައްލުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދެކުނުގެ އޭޝިއާ ޤައުމުތަކުގެ ސަރަހައްދީ ޖަމިއްޔާ ސާކުގެ މަސައްކަތް އަލުން ފެށުމަށް މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތް ކަމަށް މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ސަރަހައްދީ ޤައުމުތަކުގެ ޖަމިއްޔާގެ މަސައްކަތް ކުރިއަށް ނުދާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޕީއެސްއެމް ނޭޝަން ޗެޓް ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަރަހައްދީ ފެންވަރުގައި ޚާރިޖީ ގުޅުންތައް ބަދަހިކުރުމަށް ކުރެވޭ މަސައްކަތްތައް އަލިއަޅުވާލައްވާފައެވެ.
ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) އަކީ ދެކުނު އޭޝިއާއަށް ނިސްބަތްވާ 8 ޤައުމުގެ މައްޗަށް އެކުލެވޭ ސަރަހައްދީ ގުޅުންތައް ކުރިއެރުވުމަށް މަސައްކަތް ކުރާ ޖަމީއްޔާއެކެވެ. އެ ޖަމިއްޔާގެ މަތީ ފަންތީގެ ބައްދަލުވުންތައް ނުބޭއްވި އޮތުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭއިން އެ ޖަމިއްޔާގެ ހަރަކާތްތައް ފެށުމަށް މެދުވެރިއެއްގެ ދައުރު ތައްޔާރަށް އޮތް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން މަސައްކަތް ކުރަމުންދަނީ މި ސަރަހައްދުގައި އެކުވެރިކަމާއެކު އެއް ޤައުމު އަނެއް ޤައުމާއި ވާހަކަ ދައްކައިގެން މަސައްކަތްކުރާ މާހައުލެއް އަނެއްކާވެސް އަނބުރާ ޤާއިމް ކުރުމަށްކަމަށެވެ. އަދި މިކަން ކުރުމަށް އެންމެ ރަނގަޅު މަންސައަކީ ސާކްކަމަށް ޤަބޫލު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"މީގެކުރިން 1980 ގެ އަހަރުތަކުގެ ތެރޭގައި ރައީސް މައުމޫން ވަރަށް ބޮޑު އިސްދައުރެއް އަދާކުރައްވައިގެން، އޭރު ސާކްގެ އެހެން ޤައުމުތަކުގެ ވެރިންނާއެކު ފެއްޓެވި މަސައްކަތެއް މިއީ. އޭގެ ސަބަބުން ހުރިހާ ޤައުމަކަށް ފައިދާވި. މި ސަރަހައްދުގެ ޕީސް އެންޑް ސްޓެބިލިޓީއަށް މަސައްކަތް ކުރާ ކަމަށްވަންޏާ ގުޅިގެން މަސައްކަތް ކުރަންވާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ވޭތުވެދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ސާކްގެ މަތީ ފަންތީގެ ބައްދަލުވުމެއް ނުބޭއްވި އޮތުމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެކަމަށް ހައްލެއް ގެނައުމަށް، ދިވެހިރާއްޖެ މެދުވެރިއެއްގެ ދައުރު އަދާކުރަން ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ވާހަކަ ދައްކައިގެން ހައްލު ނުގެނެވޭނެ އެއްވެސް މައްސަލައެއް ނޯންނާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މިތިބީ މިއަދުވެސް މަސައްކަތް ފަށަން. އިރާދަކުރެއްވިއްޔާ ސާކުގެ ގިނަ ޤައުމުތަކާއި އެކީގައި، މަސައްކަތް ކުރެވޭނެ، އިރާދަ ކުރެއްވިއްޔާ ހުރިހާ ޤައުމެއް މިކަމުގައި އޮންބޯޑުވެ، މިކަމުގައި މާލަސްތަކެއް ނުވެ ސާކުގެ އިސްވެރިންގެ ސަމިޓު އަނެއްކާވެސް ބޭއްވޭތޯ މިބަލަނީ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސާކުގެ ޤައުމު ތަކުގެ އިސްވެރިންގެ ބައްދަލުވުމެއް ދިވެހިރާއްޖެއިން އިސްވެ ބޭއްވުމަށް މަސައްކަތް ކުރަމުންދާއިރު، އެންމެ ފަހުން ސާކުގެ އިސްވެރިންގެ ބައްދަލުވުމެއް ބޭއްވީ 2014 ވަނަ އަހަރުއެވެ. އޭގެ ފަހުން ސަރަހައްދީ ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމެއް 2016 ވަނަ އަހަރަށް ތާވަލް ކުރެވުނު ނަމަވެސް ސަރަހައްދުގެ ޤައުމުތަކުގެ މެދުގައި މަސްރަހު ހޫނުވެ ޚިޔާލު ތަފާތުވުންތައް ބޮޑުވުމުގެ އެ ބައްދަލުވުން ބޭއްވޭ ގޮތް ވަނީ ނުވެފައެވެ.
ސާކްގެ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖެ، އިންޑިއާ، ބަންގްލަދޭޝް، ބޫޓާން، ނޭޕާލް، ޕާކިސްތާން ސްރީލަންކާ އަދި އަފްޢާނިސްތާނެވެ.