ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީއިން ބައިނަލްއަގުވާމީ ޑިޖިޓަލް މާކެޓިންގ އެޖެންސީއެއް ކަމަށްވާ "އީމާކެޓިންގއައި"އާއި ގުޅިގެން ކުރިއަށްގެންދިޔަ ޑިޖިޓަލް ކެމްޕޭން 10 މިލިޔަނަށްވުރެ ގިނަ މީހުންނަށް ފޯރާފައިވާ ކަމަށް އެކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.
އެޕްރީލް މަހުގެ 28ވަނަ ދުވަހު ފެށި މި ކެމްޕޭނަކީ ރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި މަގުބޫލުކަން ހޯދުމަށް ކުރިއަށް ގެންދާ ޑިޖިޓަލް ހަރަކާތްތައް ފުޅާކޮށް ވަރުގަދަކުރުމަށް ފެށި މުހިންމު މަސައްކަތެއް ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.
ވީއެމްސީން ވިދާޅުވީ، މި ކެމްޕޭނަކީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް މެދުވެރިކޮށް، ފަތުރުވެރިން ދަތުރުތައް ރާވާ މަރުހަލާގައި އެމީހުންނާ ހަމައަށް ވާސިލުވުމަށް ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ. އަދި މަހެއްގެ ތެރޭގައި މި ކެމްޕޭނަށް 160 މިލިޔަނަށްވުރެ ގިނަ އިމްޕްރެޝަންސް އަދި 22 މިލިޔަނަށްވުރެ ގިނަ ވީޑިއޯ ވިއުސް ލިބިފައިވާއިރު، ވިޒިޓް މޯލްޑިވްސް ވެބްސައިޓަށް 600,000 އަށްވުރެ ގިނަ ސެޝަންސް ލިބިފައިވާ ކަމަށެވެ.
ވީއެމްސީން ވިދާޅުވީ، 10 މިލިޔަނަށްވުރެ ގިނަ މީހުންނަށް މި ކެމްޕޭން ފޯރާފައިވާއިރު، ކެމްޕޭން އަމާޒުކުރެވުނު މާކެޓްތަކުން ވެބްސައިޓަށް ވަދެފައިވާ މީހުންގެ އަދަދު 54 އިންސައްތައާ ހަމައަށް އިތުރުވެފައިވާ ކަމަށެވެ. އަދި މި ނަތީޖާތަކުން ދުނިޔޭގެ ފެންވަރުގައި ދިވެހިރާއްޖެއަށް އޮތް މަގުބޫލުކަން ދައްކުވައިދޭ ކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.
މިކަމާ ގުޅިގެން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އިބްރާހީމް ޝިއުރީ ވިދާޅުވީ، ކުޑަ ވަގުތުކޮޅެއް ތެރޭގައި މި ކެމްޕޭނަށް ބޮޑު ތަރުހީބެއް ލިބިގެންދިއުމަކީ ލިބުމަކީ ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއް ކަމަށެވެ.
"މި ނަތީޖާތަކުން ރަމްޒުކޮށްދެނީ މާކެޓިންގއަށް ކުރެވޭ ކޮންމެ އިންވެސްޓްމަންޓަކީ ވަކި އަމާޒެއްގައި، މިނެކިރެވޭ އަދި ނަތީޖާ ނެރެދެނިވި އިންވެސްޓްމަންޓަކަށް ހެދުމަށް އަޅުގަނޑުމެން ދޭ އިސްކަން. ފަތުރުވެރިކަމުގެ ސިނާއަތަށް މުހިންމު މި ދަނޑިވަޅުގައި، މުޅި ދުނިޔޭގެ ފަތުރުވެރިކަމުގެ މާކެޓުގައި ދިވެހިރާއްޖެއަކީ ފާހަގަކޮށްލެވޭ، ވާދަވެރި އަދި ފަތުރުވެރިން އެދޭ މަންޒިލެއްގެ ގޮތުގައި ދެމިއޮތުން އަޅުގަނޑުމެން ކަށަވަރުކޮއްދެން." ޝިއުރީ ވިދާޅުވިއެވެ.
ޝިއުރީ ވިދާޅުވީ، އަމާޒުކުރެވުނު މާކެޓްތަކުން ވެބްސައިޓަށް ވަތް އަދަދު 54 އިންސައްތައަށް އިތުރުވުމަކީ ވަރަށް އުއްމީދީ ކަމެއް ކަމަށާއި، މިއިން ކަށަވަރުވަނީ ގެންގުޅޭ ސްޓްރެޓެޖީގެ ސަބަބުން ފަތުރުވެރިންނަށް އެންމެ ފުރިހަމަ ވަގުތުގައި ވާސިލުވެވޭ ކަމެއް ކަމަށެވެ.
މި ހަރަކާތަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު ދަމަހައްޓައި، ޑިޖިޓަލް ދާއިރާއިން ރާއްޖެ އިޝްތިހާރުކުރެވޭ މިންވަރު އިތުރަށް ވަރުގަދަކުރުމަށް ވިޒިޓް މޯލްޑިވްސްއިން ކުރަމުންދާ ފުޅާ މަސައްކަތުގެ މުހިންމު ބައެއް ކަމަށް އެކުންފުނިން ވިދާޅުވެއެވެ.