ކުޅިވަރު

ނޭމާ ބްރެޒިލްގެ ގައުމީ ޖާޒީ ބާލައިފި


130 މެޗަށް ފަހު ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުން ނޭމާ ޖޫނިއާ ހުއްޓާލައިފި އެވެ.

އުމުރުން މިހާރު 34 އަހަރުގެ ފޯވަޑް މިކަން އިއުލާނު ކުރީ މިރޭ އެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާ ބުނީ "ގައުމީ ޓީމުގައި އޭނާގެ ވަގުތު ފާއިތުވެއްޖެ" ކަމަށެވެ.

"އަހަރެންނަށް ހީވަނީ މިހާރު އަހަރެންގެ ވަގުތު ފާއިތުވެއްޖެހެން. އަހަރެން ގައުމީ ޓީމުގެ ތާރީހް ބަދަލު ކުރިން.. އެކަމާ އަހަރެން ވަރަށް އުފާކުރަން. ގައުމީ ޓީމަށްޓަކައި ރީނދޫ ޖާޒީގައި ކުޅެ އަހަރެންގެ ލެޔާއި ފުރާނައިން ގުރުބާންވިން. އެކަމަކު އަހަރެންނަށް ހިޔެއް ނުވޭ ދެން އަހަރެން ބޭނުންވާނެހެން،" ނޭމާ ބުންޏެވެ.

ގާތްގާތުގައި ލިބުނު އަނިޔާގެ ސަބަބުން ގައުމީ ޓީމަށް ނުކުޅެ ދެ އަހަރާއި ބައި ހުރުމަށްފަހު އޭނާ އަށް ފުރުސަތު ލިބުނީ އެމެރިކާގައި މި މަހު ނިމުނު ވޯލްޑް ކަޕުގަ އެވެ. އޭރު ވެސް އޭނާ މުޅިން ފިޓެއް ނޫނެވެ. ގައުމީ ޖާޒީގައި އޭނާ ފެނުނު އެންމެ ފަހު މެޗަކީ ނޯވޭ އަތުން 2-1އިން ބްރެޒިލް ބަލިވެ މުބާރާތުން ކެޓީ މެޗެވެ. މި މެޗުގައި ނޭމާ ވަނީ ލިބުނު ޕެނަލްޓީ އަކުން ގޯލް ޖަހައިފަ އެވެ. މިއީ ގައުމީ ޓީމަށް އޭނާ ޖަހައިދިން 80 ވަނަ ގޯލެވެ. ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އަކީ ވެސް އޭނާ އެވެ.

ބްރެޒިލްގެ ސަންޓޯއިން ވިދާލައި ބާސެލޯނާގައި މޮޅަށް ކުޅުނު ނޭމާގެ ވިދުން ފަނޑުވާން ފެށީ ދުނޔޭގެ ރެކޯޑް ފީ އަކަށް ފްރާންސްގް ޕީއެސްޖީ އަށް 2017 ވަނަ އަހަރު ބަދަލުވި ހިސާބުންނެވެ. ގައުމީ ޓީމަށް 2010 ވަނަ އަހަރުން ފެށިގެން ކުޅުނު ކުޅުންތެރިޔާ ވަނީ މިހާތަނަށް ހަތަރު ވޯލްޑް ކަޕުގައި ކުޅެފަ އެވެ. މިއިން ކޮންމެ ފަހަރަކު ވެސް އޭނާ އަށް ދެވިފައިވަނީ ކުއާޓާ ފައިނަލާ ހަމައަށެވެ.