ޚަބަރު

ރޮބޮޓުގެ އެހީގައި އޮޕަރޭޝަންތައް ކުރަން އައިޖީއެމްއެޗްއިން ތައްޔާރުވަނީ


  • މި ވަސީލަތް ގެނެސް ހަރުކުރުމަށް ބީލަމަށް ވަނީ ހުޅުވާލާފައި

  • މި ވަސީލަތް ބޭނުންކޮށްގެން ގިނަ އޮޕަރޭޝަންތައް ކުރެވޭނެ

ރޮބޮޓުގެ އެހީގައި އޮޕަރޭޝަންތައް ކުރުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ތައްޔާރުވާން ފަށައިފިއެވެ. މިމަސައްކަތް ކުރުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތް އެހޮސްޕިޓަލުން މިހާރު ދަނީ ކުރަމުންނެވެ.

ރޮބޮޓުގެ އެހީގައި އޮޕަރޭޝަންތައް ކުރުމަށް ބޭނުންވާ ވަސީލަތް ޤާއިމުކުރުމަށް މާލީ ވުޒާރާއިން ވަނީ މިހާރު ބީލަން ހުށަހެޅުމަށް ހުޅުވާލާފައެވެ. މާލީ ވުޒާރާއިން ވިދާޅުވީ މަލްޓި-ޕޯޓް ރޮބޮޓިކް ސާޖިކަލް ނިޒާމު ގެނެސް، އެ ހަރުކޮށް އެއަށް ބޭނުންވާ ތަމްރީނުތައްދީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ބީލަމުގައި ރަޖިސްޓްރީ ވުމަށް ހުށަހެޅުމަށް މާލީ ވުޒާރާއިން ވަަނީ އެދިފައެވެ.

ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 1،500ރ. ނުވަތަ 100 ޑޮލަރު ދައްކަންޖެހެ އެވެ. އަދި އެއަށްފަހު، އެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ބީލަން ޕޯޓަލް މެދުވެރިކޮށް ބީލަން ހުށަހަޅަން ވަނީ ހުޅުވާލާފައެވެ. ބީލަން ހުޅުވާނީ އޯގަސްޓު މަހުގެ 13 ވަނަ ދުވަހު މެންދުރު 1:00 ޖަހާ އެހައިކަށްހާއިރުއެވެ.

މަލްޓި-ޕޯޓް ރޮބޮޓިކް ސާޖިކަލް ސިސްޓަމް އަކީ ބަލިމީހާގެ ހަށިގަނޑުގެ ތެރެއަށް ރޮބޮޓިކް އާލާތްތައް ފޮނުވައިގެން އޮޕަރޭޝަންކުރުމަށް ބޭނުންކުރާ ޒަމާނީ ނިޒާމެކެވެ. މި ނިޒާމު ބޭނުންކޮށްގެ އޮޕަރޭޝަންތައް ކުރާއިރު ހަށިގަނޑުގެ އެތެރެ 3 ޑީ ކޮށް ވަރަށް ސާފުކޮށް ޑޮކްޓަރަށް ފެންނަނާނެއެވެ. މީގެ ސަބަބުން ލޭއަންނަ މިންވަރު މަދުކުރެވި ތަދުކުޑަވެ، ބަލިމީހާ އަވަހަށް ފަސޭހަވެގެން ހޮސްޕިޓަލުން ދޫކޮށްލެވެއެވެ. މި ނިޒާމު ބޭނުންކޮށްގެން ގިނަ ބާވައްތަކުގެ އޮޕަރޭޝަންތައް ކުރެއެވެ.

އައިޖީއެމްއެޗްގައި އެންމެ ފަހުން ތަޢާރަފުކޮށް ފަށާފައިވާ ބޮޑެތި އޮޕަރޭޝަންތަކުގެ ތެރޭގައި ސިކުނޑީގެ ނާރުތަކުގެ ނާޒުކު މައްސަލަތަކަށް ދޭ އެންޑޯވާސްކިއުލާ ނިއުރޯސާޖަރީ (އެންޖިއޯޕްލާސްޓީ އަދި ކޮއިލިންގ) އާއި، ބަރުދަން ލުއިކުރުމަށް ކުރާ ބޭރިއޭޓްރިކް ސާޖަރީ ހިމެނެއެވެ. މީގެ އިތުރުން، ކުދިކުދި ލޯވަޅުތަކުން ކުރާ ލެޕްރޯސްކޮޕިކް ކައްޓާއި އާދައިގެ ސާޖަރީތަކާއި ޔުރޯލޮޖީގެ އެޑްވާންސްޑް އޮޕަރޭޝަންތައްވެސް މިހާރު އަންނަނީ އެ ހޮސްޕިޓަލުގައި ކުރަމުންނެވެ.