ހަފުތާ ބަންދުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ. މެޓު އޮފީހުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައެވެ.
މެޓު އޮފީހުން ވިދާޅުވީ، މިއަދާއި މާދަމާވެސް ރާއްޖޭގެ އެކި ހިސާބުތަަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެއެވެ. ޚާއްސަކޮށް ހުކުރު ދުވަހު ވަރަށް ބޮޑަށް ވިއްސާރަކޮށް، ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ހޮނިހިރު ދުވަހުވެސް ދެމިއޮތުމަށްފަހު، ވިއްސާރަކޮށް އުޅޭނެ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
މީގެ އިތުރުން، މޫސުން އަލިވާން ފަށާނެ ކަމަށް ލަފާކުރެވެނީ އާދިއްތަ ދުވަހުން ފެށިގެން ކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.
ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ގޮތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ.
މެޓު އޮފީހުން ވިދާޅުވީ، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.
ކަނޑަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ނަމަވެސް، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ. އަދި ރާޅުގެ އުސްމިން ހުރިހާ ހިސާބަކަށްވެސް ހުންނާނީ 2 ފޫޓާއި 5 ފޫޓާ ދެމެދުގައި ކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ.
މީގެ އިތުރުން، މިއަދުވެސް ބައެއް ރަށްތަކަށް އުދައެރުމުގެ ފުރުސަތު އޮތްކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން ކަނޑުދަތުރު ކުރާ ފަރާތްތަކުންނާއި އައްސޭރިފަށުގެ ރަށްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.