ޚަބަރު

ފަރުދުންނާއި ވިޔަފާރިތަކަށް ބީއެމްއެލުން 478 މިލިޔަން ޑޮލަރު ފޯރުކޮށްދީފި


  • ޓީޓީ މެދުވެރިކޮށް 166 މިލިޔަން ޑޮލަރު ވިއްކި

  • ކާޑު މުއާމަލާތްތަކަށް 226 މިލިޔަން ޑޮލަރު ފޯރުކޮށްދިން

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ބީއެމްއެލުން ވިޔަފާރިތަކަށާއި އަމިއްލަ ފަރާތްތަކަށް 478 މިލިޔަން ޑޮލަރު ދޫކޮށްފިއެވެ.

ބީއެމްއެލުން މިކަން ހާމަކޮށްފައިވަނީ ފުރަތަމަ 6 މަސްދުވަހުގެ މާލީ ހިސާބުތައް ހިމެނޭގޮތަށް ނެރެފައިވާ މާލީ ރިޕޯޓުގައެވެ.

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ވިދާޅުވީ، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި، ގައުމަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި އެ ބޭންކުން މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް 478 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވާ ކަމަށް ބީއެމްއެލުން ވިދާޅުވިއެވެ.

ބީއެމްއެލުން ވިދާޅުވީ، ޓެލެގްރަފިކް ޓްރާންސްފާ، ޓީޓީ މެދުވެރިކޮށް ފައިސާ ފޮނުވުމަށް އެހީތެރިވުމުގެ ގޮތުން، އަހަރުގެ ފުރަތަމަ 6 މަސްދުވަހު 166 މިލިޔަން ޑޮލަރު ވިއްކާފައިވާ ކަމަށެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރަށް ފޮނުވި 311,722 ރެމިޓެންސް މުއާމަލާތް ހިމެނޭއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 20 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ހިނގާފައިވަނީ 261,168 މުއާމަލާތެވެ.

މީގެ އިތުރުން، ކްރެޑިޓް އަދި ޑެބިޓް ކާޑުން ކުރާ ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށްވެސް ބޮޑު ހޭދައެއްކޮށްފައިވާ ކަމަށް އެބޭންކުން ފާހަގަކުރެއެވެ. އެގޮތުން ފުރަތަމަ 6 މަހު ކާޑު މުއާމަލާތްތަކަށް 226 މިލިޔަން އެމެރިކާ ޑޮލަރު ފޯރުކޮށްދީފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ފޯރުކޮށްދިން 175 މިލިޔަން ޑޮލަރާ އަޅައިބަލާއިރު 29 އިންސައްތައިގެ އިތުރުވުމެކެވެ.

ބޭންކުން ހާމަކުރި ގޮތުގައި، މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 80 މިލިޔަން ޑޮލަރު ކަމަށެވެ. މި އަދަދަކީ 2025 ވަނަ އަހަރުގެ މަހެއްގެ އެވްރެޖަށްވުރެ 30 އިންސައްތަ އިތުރު، އަދި 2023 ވަނަ އަހަރުގެ މަހެއްގެ އެވްރެޖަށްވުރެ ދެގުނަ އިތުރު އަދަދެކެވެ. މީގެ އިތުރުން 2021 ވަނަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅައިބަލާއިރު މިއީ ގާތްގަނޑަކަށް ހަތަރު ގުނަ އިތުރު އަދަދެއްކަން ބީއެމްއެލުން މައުލޫމާތުދެއެވެ.

ބީއެމްއެލުން ވިދާޅުވީ، މި ހިސާބުތަކުން ފާއިތުވި އަހަރުތަކުގައި ބޭންކުން ބޭރު ފައިސާ ފޯރުކޮށްދޭ މިންވަރު ބޮޑުތަނުން އިތުރުވެފައިވާކަން ދައްކުވައިދޭ ކަމަށެވެ. އަދި ބޭންކަށް ޑޮލަރު ގަންނަން ލިބުމުގައި ދަތިތަކެއް ހުރި ނަމަވެސް، ކަސްޓަމަރުންގެ ބޭނުންތައް ފުއްދައިދިނުމަށާއި ގައުމުގެ އިގްތިސާދަށް އެހީތެރިވުމަށް ބޭންކުން ދޭ އަހުމިއްޔަތު މި ނަތީޖާއިން ހާމަވެގެންދާ ކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.