ބޯކޮށް ވާރޭވެހި، ވައި ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ރ. އަތޮޅުން ފެށިގެން ވ. އަތޮޅަށެވެ.
ރީނދޫ ސަމާލު ނެރެފައިވަނީ 12:30 އިން 16:00 އަށެވެ. މެޓުން ވިދާޅުވީ ބޯކޮށް ވާރޭވެހި ގުގުރުން އަދި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
Alert yellow for torrential rain pic.twitter.com/kJyXQtffxd
— Maldives Meteorology (@MetMaldives) July 30, 2026
މެޓުން ވަނީ ހަފުތާ ބަންދުގައިވެސް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. އަދި ހުކުރު ދުވަހު ވަރަށް ބޮޑަށް މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އެކި ހިސާބުތަކަށް މޫސުން ގޯސްވަމުންދާތީ، ހާއްސަކޮށް ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައެވެ.