އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރިން ދޭ އަނިޔާވެރި ހަމަލާތައް އިންތިހާއަށް އިތުރުވަމުންދާތީ، އެކަން ހުއްޓުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ފިޔަވަޅު އެޅުމަށް އދގެ އިންސާނީ ޙައްޤުތަކާ ބެހޭ އޮފީހުން ގޮވާލައިފިއެވެ.
އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރިން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތައް އިތުރުވަމުންދިޔުމާއިއެކު، ޣައިރުޤާނޫނީ އާބާދީތައް އުފެއްދުން ރެކޯޑު މިންވަރަކަށް އިތުރުވެފައިވާތީ އދ ގެ އިންސާނީ ޙައްޤުތަކާ ބެހޭ އޮފީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުން ޝަހީދުކުރުން ހުއްޓުވުމަށް ބައިނަލްއަޤްވާމީ ފިޔަވަޅުތަކެއް އެޅުމަށް އެ އޮފީހުން ވަނީ ގޮވާލާފައެވެ.
އދގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް ޔަހޫދީ ވަޒަންވެރިން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 18 މީހަކު ވަނީ ޝަހީދުވެފައެވެ. މިއީ 2025 ވަނަ އަހަރު މުޅި އަހަރު ދުވަހު ޝަހީދުވި 17 މީހުންނަށްވުރެ އިތުރު އަދަދެކެވެ. ނަމަވެސް "ފަލަސްތީނުގެ ވުޒާރާތަކުން ބުނާ ގޮތުގައި މި އަހަރުގެ މިހާތަނަށް ޔަހޫދީ ވަޒަންވެރިން ވަނީ މަދުވެގެން ފަލަސްތީނުގެ 20 މީހުން ޝަހީދުކޮށްލާފައެވެ.
މިދިޔަ ހުކުރު ދުވަހު، ފަލަސްތީނުގެ ނަބްލުސް ސަރަހައްދުގެ ހުޅަނގު ދެކުނުގައިވާ ތާލް އަވަށުގައި، ހަތިޔާރާއިއެކު ޔަހޫދީ ވަޒަންވެރިންގެ ބަޔަކު ވަދެގަތުމާ ގުޅިގެން ހިނގި ހަމަނުޖެހުންތަކެއްގައި، ފަލަސްތީނުގެ ހަތަރު މީހަކާއި ޔަހޫދީ ދެ ސިފައިން ވަނީ މަރުވެފައެވެ.
އދ ގެ އިންސާނީ ޙައްޤުތަކާ ބެހޭ އޮފީހުގެ ތަރުޖަމާނު ރަވީނާ ޝަމްދަސަނީ ވިދާޅުވީ، ޔަހޫދީ ވަޒަންވެރިންނާއި ދިފާއީ ބާރުތައް ގުޅިގެން އާންމުންނަށް ހަމަލާދީ، މުދާ ނައްތާލައި، މިސްކިތްތަކުގައި ރޯކުރަމުންދާ ކަމަށެވެ.
ޖުލައި 2024 ގައި "އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް" (އައިސީޖޭ) އިން ޔަހޫދީންގެ އިސްތިޢުމާރީ ވެރިކަމަކީ ޣައިރުޤާނޫނީ ކަމެއް ކަމަށް ހުކުމްކުރި ފަހުން، ހުޅަނގު އައްސޭރީގައި ނުރުބަވެރި ޔަހޫދީންގެ އަނިޔާވެރިކަން ވަނީ އިތުރަށް ވަރުގަދަވެފައެވެ. މީގެ އިތުރުން، މި އަހަރުގެ ޖުލައި މަހުގެ ކުރީކޮޅު ޔަހޫދީ ސަރުކާރުން ވަނީ ހުޅަނގު އައްސޭރީގައި އިތުރު 34 އާބާދީއެއް ޤާއިމުކުރުމަށް، 434 މިލިއަން ޑޮލަރު ހަމަޖައްސާފައެވެ.
ޔަހޫދީ ވަޒަންވެރިންގެ އާބާދީތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު، އަދި ސުލްޙައަށް އޮތް ބޮޑު ހުރަހެއް ކަމަށް އދ. ގެ އިތުރުން ގިނަ ގައުމުތަކުން ދެކެއެވެ. މިހާރު އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގައި ފަލަސްތީނުގެ 2.7 މިލިއަން މީހުންގެ ތެރޭގައި 700،000 އަށްވުރެ ގިނަ ޔަހޫދީ ވަޒަންވެރިން ދިރިއުޅެމުންދެއެވެ.