ދިވެހި ސަރުކާރުގެ އަމާޒަކީ ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ރައްޔިތުންނާ ގާތުން، އަވަސް އަދި ފަސޭހަކަމާއެކު ލިބޭނެ ޚިދުމަތްތަކަކަށް ހެދުމެވެ. މި އަމާޒަށް ވާޞިލުވުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މޯލްޑިވްސް އިމިގްރޭޝަނުން މިވަނީ، ޕާސްޕޯޓުގެ ޚިދުމަތަށް ބަދަލުތަކެއް ގެނެސްފައެވެ. ޒަމާނީ ވަސީލަތްތަކާއެކު ތަޢާރަފުކުރި މި ބަދަލުތަކަކީ ރައްޔިތުންނަށް ކުރިމަތިވާ ތަކުލީފުތައް ކުޑަކޮށް، ޚިދުމަތުގެ ފެންވަރު އައު އުސްމިންތަކަކަށް ގެންގޮސްދޭނެ ބަދަލުތަކެކެވެ.
ސަރުކާރުގެ މުޅި ނިޒާމު ޑިޖިޓަލައިޒު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އިމިގްރޭޝަނުން ވެސް އަންނަނީ، އެ މުއައްސަސާގެ ޚިދުމަތްތައް ޓެކްނޮލޮޖީގެ އެހީގައި ހަރުދަނާ ކުރަމުންނެވެ. މިގޮތުން ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް ޚާއްޞަ އިސްކަމެއްދީގެން އަންނަނީ، މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ މައިގަނޑު މަޤްޞަދަކީ ކިއޫގައި މަޑުކުރަންޖެހޭ ވަގުތު ސަލާމަތްކޮށް، ގޭގައި ތިބެގެން ފަސޭހަކަމާއެކު ޚިދުމަތް ހޯދޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
ޒަމާނީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ ގުޅިގެން ބައެއް ފަރާތްތަކަށް، ޚާއްޞަކޮށް އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އޮންލައިންކޮށް ޚިދުމަތް ހޯދުމުގައި ދަތިތަކާއި ކުރިމަތިވާނެއެވެ. އެހެންކަމުން، މި ފަރާތްތަކަށް ޚާއްޞަ އިސްކަމެއްދީގެން ޕާސްޕޯޓަށް އެދި ހުށަހެޅުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ އިންތިޒާމުތައް މިހާރު ވަނީ ހަމަޖައްސާފައެވެ.
މިގޮތުން އިމިގްރޭޝަންގެ ހެޑް އޮފީހަށް ޚިދުމަތް ހޯދަން ދާ އިސްރަށްވެހިންނަށް ޕާސްޕޯޓު ފޮޓޯ ނެގުމާއި، އޮންލައިން އެޕްލިކޭޝަން ފުރިހަމަ ކުރުމުގައި އިމިގްރޭޝަންގެ މުވައްޒަފުން ސީދާ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން، އިމިގްރޭޝަނަށް ޒިޔާރަތް ކުރާ ފަރާތްތަކަށް މަޑުކޮށްލައިގެން ތިބެވޭނެ ހިތްގައިމު މާޙައުލެއް ޤާއިމުކޮށް، މަޢުލޫމާތާއި އިރުޝާދު ދިނުމަށް "އިންފޮމޭޝަން ކައުންޓަރެއް" ވެސް މިހާރު ވަނީ ޤާއިމްކޮށްފައެވެ.
ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް، ރިޓަޔަރޑް ޕޮލިސް ކޮމިޝަނަރ އަޙްމަދު ފަސީހު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އިމިގްރޭޝަންގެ އައު މޮބައިލް އެޕްލިކޭޝަން އިފްތިތާޙު ކުރެވޭނެ ކަމަށެވެ. ފަސީހު ފާހަގަކުރެއްވި ގޮތުގައި، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިމިގްރޭޝަންގެ ނިޒާމު 2.0 އަށް ބަދަލުކޮށް، ހުރިހާ ސިސްޓަމްތަކެއް ޑިޖިޓަލައިޒް ކޮށްފައިވާއިރު މިކަމަށް ޚާއްސަ އެޕްލިކޭޝަނެއްވެސް ވަނީ ތަޢާރަފުކޮށްފައެވެ. ނަމަވެސް، އަލުން މި އެޕް އިފްތިތާޙުކުރަނީ އިތުރު ފަސޭހަތަކާ އެކުގައެވެ. އައު އެޕް މެދުވެރިކޮށް ޕާސްޕޯޓަށް އެދުމާއި، ފޮޓޯ ނެގުމާއި، އަދި ވިސާގެ ޚިދުމަތްތަކަށް އެދުމުގެ ފުރުޞަތު ފަސޭހަކަމާއެކު ރައްޔިތުންނަށް ލިބިގެންދާނެއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މި ގެނައި ބަދަލުތަކަކީ ޒަމާނީ އީޖާދުތަކުގެ އެހީގައި، އިތުބާރު ހުރި އަދި ހަރުދަނާ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން ޚިދުމަތް ހޯދުމަށް ހޭދަވާ ވަގުތު މަދުވެގެންދާނެއެވެ. މިއީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ރައްޔިތުންގެ ލުއިފަސޭހަކަން އިތުރު ވެގެންދާނެ ބަދަލެކެވެ.