އުތުރު އަދި ސެންޓްރަލް އެމެރިކާގެ އިތުރުން ކެރިބިއަންގެ ފުޓްބޯޅައިގެ މައި އިދާރާ, ކޮންކާކަފް އިންވެސް ފީފާގެ ޕްލޭނާއި ދެކޮޅަށް ތެދުވެއްޖެ އެވެ.
ކޮންކާކަފްގެ 41 މެމްބަރު ގައުމުން ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައި ނިންމާފައިވަނީ ފުޓްބޯޅަ ފުޓްބޯޅަ ހިންގުމާއި، މުބާރާތްތައް ރޭވުމާއި، މެޗުތަކުގެ ކަލަންޑަރާއި އަދި ކުޅިވަރާއި ގުޅުންހުރި ހުރިހާ ނިންމުންތަކެއް ނިންމުމުގެ ބާރު އޮންނަން ވާނީ ފީފާގެ ބެލުމުގެ ދަށުގައި ކަމަށާއި އެ ނިންމުން ބަދަލުކުރަން އެ އިދާރާއިން ތާއީދު ނުކުރާނެ ކަމަށެވެ.
ނަމަވެސް ކޮންކާކަފް އިން އަދި މިހާތަނަށް ފީފާގެ މުބާރާތްތައް ބޮއިކޮޓް ކުރުމަށް ނިންމާފައެއް ނުވެއެވެ. ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ, ޔޫއެފާ އިން ވަނީ ފީފާގެ ހުރިހާ މުބާރާތެއް ބޮއިކޮޓް ކުރުމަށް ނިންމާފަ އެވެ.
ކޮންކާކްފްގެ މެމްބަރު ގައުމުތަކުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ބޮޑަށް ވާހަކަ ދައްކާފައިވަނީ ފީފާ އިން ހުށައަޅާފައިވާ ޕްލޭނަށް ތާއިދުކުރުމަށް ކުޑަ މުހުލަތެއް ދީ އޭގެ ބަދަލުގައި ފައިސާގެ ބޮޑު އަދަދެއް ހުށައަޅާފައިވާތީވެ, އެކަމުގައި އަޑި ނޭނގޭ ގިނަ ކަންތައްތަކެއް ހުރިކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި މިފަދަ ކަންތައްތައް ނިންމަންވާނީ މިއަށްވުރެ ބޮޑަށް ދެފުށް ފެންނަ ގޮތަކަށް ކަމަށްވެސް އެ އިދާރާގެ މެމްބަރ ގައުމުތަކުންވަނީ ބުނެފަ އެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދާދި ފަހުން އިއުލާން ކޮށްފައިވާ ކޮމާޝަލް ސަބްސިޑިއަރީ އުފެއްދުމުގެ ޕްލޭނަށް ތާއިދުކުރާ މެމްބަރު ގައުމުތަކަށް 40 މިލިއަން އެމެރިކާ ޑޮލަރުގެ މާލީ އެހީ ލިބޭނެކަމަށް އިންފަންޓީނޯ ފީފާގެ 211 މެމްބަރު ގައުމުތަކަށް އަންގާފަ އެވެ.
ފީފާ އިން މެމްބަރު ގައުމުތަކަށް ފޮނުވާފައިވާ ލިއުމެއްގައި ބުނެފައިވާ ގޮތުން އަންނަ ސެޕްޓެމްބަރ މަހުގެ 19 ވަނަ ދުވަހުގެ ކުރިން އެކަމަށް ތާއިދުކުރާ ފަރާތްތަކަށް 20 މިލިއަން އެމެރިކާ ޑޮލަރު އެޑްވާންސްގެ ގޮތުގައި ލިބިގެންދާނެއެވެ.