މެދުއިރުމަތީގައި ޙަރަކާތްތެރިވާ އެމެރިކާގެ ސިފައިން ފޯނުން ނަގާ ވީޑިޔޯ އިންޓަނެޓުގައި ޙިއްޞާކުރުމުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދިނުމަށް އީރާނަށް ފަސޭހަވާ ކަމަށް މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަ އެމެރިކާގެ އެންމެ އިސް ކޮމާންޑަރު، އެޑްމިރަލް ބްރެޑް ކޫޕަރ ވިދާޅުވެއްޖެއެވެ.
ބައެއް މަސްދަރުތަކުން ބުނީ މޯބައިލް ފޯނުން ނަގާ ވީޑިޔޯތަކުގެ ސަބަބުން އަސްކަރީ މަރުކަޒުތަކަށް ނުރައްކާ ވާތީ ކުރިއަށް އޮތް ތަނުގައި އެ ސަރަޙައްދުތަކުގައި ޙަރަކާތްތެރިވާ ސިފައިންނަށް ފޯނު ނުގެންގުޅެވޭނެ ކަމަށް ނިންމުން ވަރަށް ގާތް ކަމަށެވެ. އީރާނުގެ ހަމަލާތައް ތަކުރާރުކޮށް އަމާޒުވެފައިވާ ޢުރުދުންވައި ޤާއިމްވެ ތިބި ބައެއް ސިފައިންނަށް އެ މީހުންގެ ފޯނު ކުރިއަށް އޮތް ދުވަސްތަކުގައި އަތުލާނެ ކަމަށް އަންގާފައިވާ ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.
މޮބައިލް ފޯނު ބޭނުންކޮށްގެން މުއާަސަލާތު ކުރުން މަނާކުރާނަމަ މެދުއިރުމަތީގައި ޤާއިމްކޮށްފައިވާ އެމެރިކާގެ ސިފައިންނަށް ޢާއިލާއާ ފަސޭހަކަމާއެކު މުއާސަލާތު ކުރުމަށް ހުރަސް އެޅިގެންދާނެއެވެ. ސިފައިންގެ ޙާލު ރަނގަޅު ކަމަށް ޢާއިލާއަށް އެންގުމަށް މައިގަނޑު ގޮތެއްގައި ބޭނުންކޮށް އުޅެނީ މޮބައިލް ފޯނެވެ.
ކޫޕަރ ވިދާޅުވީ ހަމަލާތައް ދިނުމުން ސިފައިން ނަގާފައިވާ ފޯނު ވީޑިޔޯތައް ނޫސް އިދާރާތަކުން އިންޓަނެޓުގައި ޝާޢިއުކުރާ ކަމަށާއި، އެ ފަދަ ވީޑިޔޯތައް ބޭނުންކޮށްގެން އީރާނުން ދޭ ހަމަލާތައް ކާމިޔާބުވި ކަން ނުވަތަ ނާކާމިޔާބުވި ކަން ވަގުތުން އީރާނަށް ބަލައިލެވޭ ކަމަށެވެ. އެ ގޮތަށް ޢާންމުންނަށް ފެންނަ ގޮތަށް ޙިއްޞާކުރާ ވީޑިޔޯތަކުގެ ސަބަބުން އެމެރިކާގެ ސިފައިންނާއި ގަލްފުގެ ޤައުމުތަކުގައި ދިރިއުޅޭ ޢާންމުންގެ ފުރާނައަށް ނުރައްކާވާ ކަމަށް އޭނާ ފާހަގަކުރައްވާފައިވެއެވެ. އަސްކަރީ އޮޕަރޭޝަންތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ސިފައިން އިތުރަށް މަސައްކަތް ކުރުމަށް ވެސް އޭނާ ގޮވާލައްވާފައިވެއެވެ.
ޖުލައި މަހުގެ 17ވަނަ ދުވަހު އީރާނުން ޢުރުދުންގެ ވައިގެ އަސްކަރީ މަރުކަޒަކަށް ހަމަލާ ދިން ވަގުތު އެމެރިކާގެ ސިފައިންގެ މީހަކު އޭނާ ރައްކާތެރި ސަރަޙައްދަކަށް ދުވަމުން ދިޔަ މަންޒަރު ވީޑިއޯކޮށްފައިވެއެވެ. އެ ވީޑިޔޯއަށް ނުސީދާކޮށް ހަވާލާދީ ކޫޕަރ ވިދާޅުވީ ސިފައިންގެ މީހެއްގެ މެޓާ ގްލާސް ބޭނުންކޮށްގެން ނަގާފައިވާ ވީޑިޔޯއެއްގައި ހަމަލާ ދިން ވަގުތު ސަލާމަތް ކަން ހޯދުމަށް ބަންކަރަކާ ހަމައަށް ދާ ގޮތް ފެންނަ ކަމަށެވެ. އެ ވީޑިއޯ ފޭސްބުކްއާއި އިންސްޓަގްތާމްގައި އެ ވީޑިޔޯ ނެގި މީހާ ޙިއްޞާކޮށްފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ. އެ ފަދަ ވީޑިޔޯތައް ނުފެންނަ ނަމަ ހަމަލާތައް ކާމިޔާބުވިކަން ނުވަތަ ނުވާކަން ފަސޭހަކަމާއެކު އީރާނަށް ދެނެނުގަނެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.