މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، އާއްމުގޮތެއްގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރައްވައިފިއެވެ.
ކޯސްޓްގާޑުންވަނީ ދަތުރުކުރާ ނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމުގެ އިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން، މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރުމަށާއި، ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.
މީގެ އިތުރުން ދަތުރުކުރާ ފަރާތްތަކުން ލައިފްޖެކްޓްއަޅައި، އިތުރަށް ސަމާލުވުމަށް ކޯސްޓްގާޑުންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ޑައިވިންގ އާއި ވޯޓަރ ސްޕޯޓްސް އިންތިޒާމުކުރާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްސަ ސަމާލުކަމެއްދިނުމަށާއި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރެއްވުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރަން.https://t.co/VyeZaxRHZ1 pic.twitter.com/zTwzcfMgE3
— Maldives National Defence Force (@MNDF_Official) July 31, 2026
މޫސުން ގޯސްވެ، ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުންވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.
ފުލުހުން ވަނީ ކަނޑުދަތުރުފަތުރު ކުރުމުގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއެކު އުޅަނދުގައި ފުރިހަމަވެފައި ހުންނަންޖެހޭ މުވާސަލާތީ ވަސީލަތްތަކާއި ލައިފް ޖެކެޓު ހަމައަށް ހުރިތޯއާއި އެތަކެތި ހުރީ ބޭނުންކުރެވޭފަދަ ހާލަތުގައިތޯ ޔަޤީންކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އެ އުޅަނދަކަށް އެކަށީގެންވާ ވަރަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށްވެސް ފުލުހުން އިލްތިމާސްކުރައްވައެވެ.
މޫސުމާ ބެހޭ އެންމެ ފަހުގެ މައުލުމާތު ހޯދުމަށާއި މޫސުމީ ސަމާލުތަކާ އެއްގޮަތަށް އަމަލުކުރުމަށާއި ޒަރޫރީ ބޭނުންތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށްވެސް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ.
މިއަދު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ވައި ގަދަވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ވަނީ ލަފާކުރައްވާފައެވެ. މެޓުން ވަނީ މިހަފުތާ ބަންދުގައި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރައްވާފައެވެ. އަދި މިއަދު ވަރަށް ބޮޑަށް މޫސުން ގޯސްވާނެ ކަމަށްވެސް ވަނީ ލަފާކުރައްވާފައެވެ.