ނިމުނު ހަފުތާގައިވެސް ތަފާތު އެކި ދާއިރާތަކުން މުހިންމު ކަންތައްތަކެއް ހިނގާދިޔައެވެ. އެގޮތުން ރާއްޖޭގައި މިނިވަން ދުވަސް ވަނީ ކުލަގަދަކޮށް ފާހަގަކޮށްފައެވެ. (24 ޖުލައި) މިއަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް، އަދި ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު، މިރޭ ރާއްޖެ ވަޑައިގަތީ މިދިޔަ ހުކުރު ދުވަހުއެވެ. (25 ޖުލައި) އަދި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޚްމާން، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަތީ ހޮނިހިރު ދުވަހުއެވެ. މިއަހަރަކީ ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމަށް އެންމެ ގިނަ ބޭރުގެ ޑިޕްލޮމެޓުން އައި އަހަރެވެ. އެގޮތުން 43 ޤައުމާއި އދ. 5 އެޖެންސީތަކުގެ 113 ޑިޕްލޮމެޓުން ބައިވެރިވެރިވެވަޑައިގަންނަވާފައިވެއެވެ.
- އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުމަށްކަމަށް ވިދާޅުވި
- ސާކް ބައްދަލުވުންތައް ފަށަން އެހީތެރިވާން ރާއްޖެ އޮތީ ތައްޔާރަށްކަމަށް ވިދާޅުވި
- ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު ދޭން ނިންމުން
- 2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ ކަމަށް ވިދާޅުވި
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައިވަނީ ދައުލަތަށް ޚިދުމަތްކުރުމުގެ ޤައުމީ އިނާމު 66 ބޭފުޅަކަށް އަދި ދިވެހި ދައުލަތަށް މަތިވެރި އިއްޒަތް 4 ބޭފުޅަކަށް އެރުވާފައެވެ.
މިނިވަން ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދިޔަ ހެވިކަމާއި ކުޅިވަރުތެ މައިދާނީ ހަރަކާތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ބައްލަވާލައްވާފައެވެ. މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވީ، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް، އަދި ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ޢަމީރު، ޑރ. މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދުއެވެ. ޖުމްހޫރީ މައިދާނަށް އެމަނިކުފާނު ވަޑައިގަތުމުން މަރުހަބާ ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ދެކަނަބަލުންނެވެ.
(27 ޖުލައި) ވިލިމާލޭގައި ތަރައްގީކުރީ ސިފައިންގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ވިލިމާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުވައިދެއްވީ ރައީސުލްޖުމްހުރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު، އެމްއާރުސީސީ އަކީ ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުން ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށްކުރުމަށް ކުރެވޭ މަސައްކަތްތައް ވިލަރެސްކުރުމަށް އުފައްދާފައިވާ މައި މަރުކަޒެވެ. މި މަރުކަޒު އައު އިމާރާތް ވިލިމާލޭގައި ތަރައްގީކޮށްފައިވަނީ ޖަޕާނު ސަރުކާރުން ފަންޑުކޮށްގެންނެވެ.
ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގެ ތިންވަނަ އެޕިސޯޑުގެ ފުރަތަމަ ބައި ދައްކާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.
މި ޕްރޮގްރާމަކީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ރައްޔިތުންނަށް މައުލުމާތު ފޯރުކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
- ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖުން ލިބޭނެ ގޮތަށް ތަރައްޤީކުރެވިގެންދާނެ
- ބޮޑުތަކުރުފާނުމަގު ތަރައްޤީކުރަން ފައިސާ ހަމަޖެއްސީ މި ސަރުކާރުންކަމަށް ވިދާޅުވި
- މިނިވަން ދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް ކަމަށް ވިދާޅުވި
- ދައުލަތަކަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ ކަމަށް ވިދާޅުވި
(24 ޖުލައި) ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 5 ސެގްމެންޓުގެ މަސައްކަތް ނިންމައި، އާންމުންނަށް ހުޅުވާލާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
މާލޭ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 5 ސެގްމެންޓުގެ ތެރެއިން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް 700 މީޓަރުގެ ސަރަޙައްދެއް ތާރުއަޅައިގެން ތަރައްޤީކޮށްފައިވެއެވެ.
(26 ޖުލައި) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. މޯލްޑިވްސް ޕޯސްޓުން ވިދާޅުވީ، ކުޅުދުއްފުށި ސިޓީއަށް އަލަށް ތަޢާރަފްކުރި ޕިކްޕޯސްޓުގެ ޚިދުމަތާއެކު، ޕޯސްޓުގެ ޚިދުމަތްތައް އެރަށު ބަންޑާރަމަގު، ސީނާ ބލްޑިންގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
މީގެ ސަބަބުން ކުޅުދުއްފުށި ސިޓީއިން ޕޯސްޓް ކުރުމާއި، ޕާރުސަލް ނެގުމާއި، ޕޯސްޓުގެ އެހެން ޚިދުމަތްތައް ހޯއްދަވާ ފަރާތްތަކަށް ޚިދުމަތް ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
(27 ޖުލައި) ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މިފްކޯއިން ކަނޑުއޮތްގިރީގައި ތަރައްޤީކޮށްފައިވަނީ ދުވާލެއްގެ މައްޗަށް 25 ޓަނުގެ އައިސް އުފައްދާ އައިސް ޕްލާންޓެކެވެ. މިއީ މިސަރަހައްދުގެ މަސްވެރިންނަށް އައިސް ލިބުމުގެ ދަތިތައް ހައްލުކުރުމަށް ޤާއިމްކުރެވުނު އައިސް ޕްލާންޓެއް ކަމަށް މިފްކޯއިން ވިދާޅުވެއެވެ.
(28 ޖުލައި) ރިޑަންޑަންސީ ޕޮލިސީގެ ތެރެއިން އަމިއްލައަށް ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ ދިފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ މިދިޔަ އަންގާރަ ދުވަހުއެވެ. ފެނަކައިގެ ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ އެ ކުންފުނި ރައިޓް ސައިޒް ކުރުމުގެ މަސައްކަތުގެ ދަށުން މުވައްޒަފުން ދޫކޮށްލަން ޖެހުނު ޙާލަތުގައި އުޞޫލެއް އެކަށައަޅައި، އަމިއްލައަށް ވަކިވުމުގެ ފުރުޞަތު މުވައްޒަފުންނަށް ހުޅުވާލީ މުވައްޒަފުން ޝަރަފުވެރިކަމާއެކު އިނާޔަތަކާއެކީ ވަކިވުމުގެ ފުރުޞަތު ހޯދައި ދިނުމުގެ މަޤްޞަދުގަކަމަށެވެ.
(28 ޖުލައި) މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމަށާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް، ޙާރިޘް މުޙައްމަދު އައްޔަންކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ޙާރިޘް މުޙައްމަދަކީ ވައިގެ ދަތުރުފަތުރާއި، ފަތުރުވެރިކަމާއި، ޕަބްލިކް ރިލޭޝަންސް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާތަކުން 30 އަހަރަށްވުރެ ދިގު މުއްދަތެއްގެ ފަންނީ ތަޖުރިބާ ލިބިވަޑައިގެންފައިވާ، މެނޭޖްމަންޓް ކޮންސަލްޓަންޓެކެވެ.
(29 ޖުލައި) ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ސަފާރީ އުޅަނދުފަހަރު ނުވަތަ ލިވްއެބޯޑް ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. ބީއެމްއެލްއިން ވަނީ މި ފެސިލިޓީއަށް އަނބުރާ ފައިސާ ދެއްކުމުގައި ލުއިގޮތްތަކެއް ހަމަޖައްސައި ދީފައެވެ. ބޭންކް އޮފް މޯލްޑިވްސްގެ ލިވަބޯޑް ފައިނޭންސް ފެސިލިޓީ ފަރުމާކޮށްފައިވަނީ ސަފާރީ އުޅަނދުފަހަރު ގަތުމަށާއި، ބަނުމަށާއި، އިންޖީނު އެޅުމުގެ އިތުރުން މަރާމާތުކުރުމަށެވެ. އަދި އުޅަނދަށް ބޭނުންވާ އެކި ސާމާނާއި ވަސީލަތްތައް ހޯދުމަށްވެސް މި ލޯނު ބޭނުންކުރެވޭނެއެވެ.
(30 ޖުލައި) ރާއްޖޭގެ ޕޭމަންޓް ސިސްޓަމް "ފަވަރަ" އާއި އިންޑިއާގެ "ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް" (ޔޫޕީއައި) ގުޅާލައި، ސިކުންތުކޮޅެއްގެ ތެރޭގައި އިންޑިއާއަށް ފައިސާ ފޮނުވޭ ޚިދުމަތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިފްތިތާޚްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެކަމަށްޓަކައި މިއަދު މަރުކަޒީ ބޭންކުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި ޚިދުމަތް ފައްޓަވައިދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ޖީ. ބާލަސުބްރަމާނިއަން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ރާއްޖޭގައި އަލަށް މި ޚިދުމަތް ފަށާފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާ އެކުގައެވެ. މި ދެ ބޭންކުގެ ކަސްޓަމަރުންނަށް މިހާރު އިތުރު އެޕްލިކޭޝަނެއް ބޭނުންކުރުމަކާ ނުލައި، ބޭންކުގެ މޮބައިލް އެޕް ނުވަތަ އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް އިންޑިއާގެ ޔޫޕީއައި ބޭނުންކުރާ އެކައުންޓްތަކަށް ސީދާ ފައިސާ ފޮނުވޭނެއެވެ.
(24 ޖުލައި) ލޭގައި ބަލި ހުންނަ މުއްދަތު އަވަހަށް ދެނެގަންނަ ޓެސްޓް ރާއްޖޭގައި ހަދަން ފަށައިފައިވަނީ ނިމުނު ހަފުތާގެ ތެރޭގައެވެ. ނިއުކްލިއިކް އެސިޑް ޓެސްޓިންއަކީ އެކި ފަރާތްތަކުން ހަދިޔާކުރާ ލޭގައި ހުރެދާނެ އެޗްއައިވީ، ހެޕަޓިޓިސް ބީ އަދި ހެޕަޓިޓިސް ސީ ފަދަ ބަލިތައް އާދައިގެ ޓެސްޓިންއަށްވުރެ އެތަށް ގުނައެއް އަވަހަށް ޔަޤީންކަމާއެކު ދެނެގަނެ، ލޭ އެޅުމުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ބޭނުންކުރަމުން އަންނަ އެންމެ ފަހުގެ ޓެކްނޮލޮޖީއެކެވެ.
(26 ޖުލައި) ހުއްދަނެތި ރާއްޖެއަށް ބޭހެއް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާއި ހަމައަށް ޖޫރިމަނާކޮށް ބޭހެއް އެތެރެކުރި ފަރާތުގެ ލައިސަންސް ހިފެހެއްޓޭ ގޮތަށް ބޭހާ ބެހޭ ޤަވާއިދު އެކުލަވާލައިފައިވަނީ ނިމުނު ހަފުތާގެތެރޭގައެވެ. ބޭހާއި ބެހޭ ޤަވާއިދުގައި ވަނީ، ރާއްޖެއަށް ބޭސް އެތެރެކުރުމާއި ބޭސް ގުދަންކުރުމާއި ވިިއްކޭނެ މިންގަނޑުތައް ކަނޑައަޅާފައެވެ.
(30 ޖުލައި) ނިމުނު ހަފުތާގައި ރާއްޖެއަށް މޫސުން ގޯސްވެ، ހުކުރު ދުވަހުވަނީ ވަރަށް ބޮޑަށް ވިއްސާރަކޮށްފައެވެ.