ޚަބަރު

"ކޯޓާއާއެކު މަޖިލީހުގައި ޒުވާނުންނާއި އަންހެނުންގެ އަދަދު އިތުރުވާނެ"


  • ޤައުމުގެ ކަންކަމުގައި ޒުވާނުންނާއި އަންހެނުންނަށް ބަސްބުނެވޭ ގޮތް ނިޒާމުގެ ތެރެއިން ކަށަވަރުވާންޖެހޭ

  • ޒުވާނުންގެ މަޖިލީހަކީ ޒުވާނުންނަށް ލިބޭނެ އެންމެ ވަރުގަދަ ފުރުސަތު

ރައްޔިތުންގެ މަޖިލީހަށް ވަކި އަދަދަކަށް ޒުވާނުންނާއި އަންހެނުން އިންތިޚާބު ކުރަންޖެހޭ ގޮތަށް ޤާނޫނުއަސާސީއަށް ގެންނަ އިސްލާހާއެކު އިންތިހާބީ މަގާމުތަކުން ޒުވާނުންނާއި އަންހެނުން ބާކީވެފައި އޮންނަ އޮތުން ދައުރު ކުޑަވެފައި އޮންނަ އޮތުން ނިމުމަކަށް ގެނެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސިޔާސީ ގޮތުން ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޒުވާނުންނާއި އަންހެނުންނަށް ޤައުމުގެ ކަންކަމުގައި ބަސްބުނެވޭނެ ގޮތް ނިޒާމުގެ ތެރޭގައި ކަށަވަރުކަމާއެކު ކަނޑައަޅަންޖެހޭ ކަމަށާއި ރާއްޖޭގައި ލިޔެކިޔުންތަކުން ޒުވާނުންނާއި އަންހެނުންނަށް ހަމަހަމަ ފުރުސަތު އޮތް ނަމަވެސް އިންތިޚާބުތަކުގައި އެ މަންޒަރު ނުފެންނަ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް ޒުވާނުންނާއި އަންހެނުން ކުރިމަތިލި ނަމަވެސް ވޯޓުގައި އެ ފަރާތްތައް ބާކީވާ ކަމަށާއި މިކަމަށް ބަދަލު ގެނައުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު މިކަން ބަދަލުކުރެއްވުމަށް ނިންމަވާފައިވަނީ ޤާނޫނުއަސާސީއަށް އިސްލާހު ގެންނަވައިގެން ކަމަށެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނަށް، އަދި ވަކި އިންސައްތައެއް އަންހެނުންނަށް ކަނޑައަޅުއްވަން އިސްލާހު ހުށަހަޅުއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިކަމާއި އަޅުގަނޑަށް އެބައާދޭ އެކި ކަހަލަ ކޮމެންޓްސް. އެއީ، ކީއްކުރަން ކުރާ ކަމެއްހެއްޔޭ. މިހާރުވެސް އެބައޮތޭ ހަމަހަމަ ފުރުސަތު. ތެދެއް. ލިޔެކިޔުމުގައި ހަމަހަމަ ފުރުސަތު އެބައޮތް. ޒުވާނުން ނޫނިއްޔާ އަންހެން ބޭފުޅުން ކުރިމަތިލާ. އެކަމަކު ކުރިމަތިލީމަ ވޯޓު ލިބޭގޮތުން މި ފަރާތްތައް ބާކީ އެބަވޭ. ވަރަށް މަދު ފަހަރަކު އަދި އަމުދުން އަންހެނަކު ހޮވޭނީ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޕާޓީ ނިޒާމުގެ ތެރެއިން އަންހެނުންނަށް ފުރުސަތުތައް ހޯދައިދެއްވަން އެމަނިކުފާނު މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް އެކަން ހަގީގީ މާނައިގައި ކާމިޔާބުވާނީ މަޖިލީހުގެ ތެރެއިން ކޯޓާ ކަނޑައެޅިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ޒުވާނުންނަށް ހަގީގީ މާނައިގައި މިނިވަންކަން އިހުސާސް ކޮށްދެވޭނީ، ޤައުމު ހިންގުމުގެ ނިޒާމުގައި ޒުވާނުންނަށް ބައިވެރިވުމާއި ޤައުމުގެ ކަންކަމުގައި ބަސްބުނުމުގެ މިނިވަންކަން އޮވެގެންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ޒުވާނުންގެ މަޖިލިސް އުފައްދަވަނީ އެ ބޭނުމުގައި ކަމަށެވެ. މިއީ، ޒުވާނުންނަށް ލިބޭނެ އެންމެ ވަރުގަދަ ފުރުސަތު ކަމަށާއި މަޖިލީހަށް މެންބަރުން ހޮވާނީ އިންތިޚާބީ 93 ދާއިރާގެ ތެރެއިން ކޮންމެ ދާއިރާއެއްގައި ޒުވާނުން ތަމްސީލު ކުރުމަށް ޒުވާނުން ވޯޓުލައިގެން ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދާ ދުވަސްވަރު ޒުވާނުންގެ މަޖިލިސް އެއްވެ، މަސައްކަތްކުރާ ގޮތަށް ކަންކަން ހަމަޖެއްސެވުމުގެ ވިސްނުން އެމަނިކުފާނު ގެންގުޅުއްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.