ޚަބަރު

ރީނދޫ ސަމާލުގެ ވަގުތު މިރޭ 12:30އަށް އިތުރުކޮށްފި


  • ސަމާލު ނެރެފައިވަނީ ހއ.އަތޮޅުން ތ.އަތޮޅަށް

  • މިއީ މިއަދު ސަމާލުގެ ވަގުތު އިތުރުކުރި 2ވަނަ ފަހަރު

ވައިގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ސަރަހައްދަށް ނެރެފައިވާ ރީނދޫ ސަމާލުގެ ވަގުތު މޫސުމާބެހޭ ޤައުމީ އިދާރާއިން އަނެއްކާވެސް އިތުރުކޮށްފިއެވެ.

އެ އިދާރާއިން ވަނީ، މިއަދު ހެނދުނުވެސް އަދި މެންދުރުވެސް އެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައެވެ. އަދިވެސް މޫސުން ރަނގަޅުނުވާތީ އެ ސަމާލުގެ ވަގުތު މިރޭ 12:30 އާ ހަމައަށް މިހާރު ވަނީ އިތުރުކޮށްފައެވެ.

އެ އިދާރާއިން ވިދާޅުވީ، ސަމާލު ނެރެފައިވާ ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން ސަމާލު ނެރެފައިވާ ވަގުތުތަކުގައި ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ސަރަހައްދުގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ، ކަނޑުތައް ގަދަވުމުގެ ސަބަބުން ދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކުރައްވާފައެވެ. އެގޮތުން، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތަށް މިވަގުތަށް ނުކުރުމަށް އެ އިދާރާތަކުން އިލްތިމާސް ކުރައްވައެވެ.