ޚަބަރު

"މާޒިޔާގައި ޖޫނިއާ ކުޅުންތެރިންނެއް ނުތިބޭނެ"


  • މާޒިޔާއިން މި ފަހަރުގެ ސީޒަނާ ކުރިމަތިލަނީ ޒުވާން ސްކޮޑަކާއެކު

  • އައިސަމް ވަނީ މިއީ ކުރިމަގަށް އެޅުނު ބޮޑު ފިޔަވަޅެއް ކަމަށް ބުނެފައި

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ދިހަ އަހަރު ދުވަހުގެ ޕްލޭނަކާއެކު، ސްކޮޑް ޒުވާންކޮށްފައިވީ ނަމަވެސް އެ ކުޅުންތެރިންނަކީ ޖޫނިއާ ކުޅުންތެރިންގެ ގޮތުގައި ނުދެކޭ ކަމަށް، އެ ޓީމުގެ ތަޖުރިބާކާރު މިޑްފިލްޑަރު އިބްރާހީމް އައިސަމް ބުނެފިއެވެ.

ޒުވާން ސްކޮޑަކާއެކު، މި ސީޒަނާ ކުރިމަތިލާ މާޒިޔާއިން ވަނީ ސީޒަން ހުޅުވަން ބޭއްވި، އެފްއޭއެމް ޗެރިޓީ ޝީލްޑް މެޗުގައި ޕެނަލްޓީގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރިހޯދައިފައެވެ. މިއީ މާޒިޔާއިން ޗެރިޓީ ޝީލްޑް ކާމިޔާބުކުރި ހަތްވަނަ ފަހަރެވެ. މާޒިޔާއިން ވަނީ މީގެ ކުރިން 2015، 2016، 2017، 2021، 2023 އަދި 2025 ވަނަ އަހަރު ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފައެވެ.

ޗެރިޓީ ޝީލްޑް މެޗަށްފަހު "ޕީއެސްއެމް ނިއުސް"އާ ވާހަކަ ދައްކަމުން އައިސަމް ބުނީ މިއީ މާޒިޔާ އަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި މި ކާމިޔާބީ ހާއްސަވަނީ މާޒިޔާގެ ސްކޮޑަށް އައި ބަދަލާއެކުގައި ވެސް މި ފެންވަރުގެ މެޗުތަކުން ކާމިޔާބު ހޯދޭނެކަން ދައްކުވައިދިނީތީ ކަމަށް އައިސަމް ބުންޏެވެ.

"މި ހަމަ ވަރަށް ބޮޑު ކާމިޔާބީއެއް އަސްލު. އަހަރެމެން ޕްރެކްޓިސްވެސް ވަރަށް ފަހުން މި ފެށީ، ޔަންގް ވަރަށް ގިނަ ކުޅުންތެރިންނާ ސީނިއާ މަދު ބަޔަކާއެކު. ދެން މި އެންމެ ގޮވައިގެން މި ކާމިޔާބީ މިހެން ހޯދުނީމަ މިއީ ވަރަށް ބޮޑު ކާމިޔާބީއެއް. ދެން ވަރަށް ރަނގަޅަށް ކުޅެފި." އައިސަމް ފާހަގަކުރިއެވެ.

މާޒިޔާއިން ޒުވާން ކުޅުންތެރިން ބިނާކުރަން ފެށި ޕްރޮޖެކްޓްގެ ތެރެއިން ފާހަގަވި އެއް ކުޅުންތެރިއަކީ އައިސަމްއެވެ. އައިސަމް ވަނީ ދެވަނަ ފަހަރަށްވެސް މާޒިޔާގެ މެނޭޖްމަންޓުން މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް ނިންމުމުން އެކަމަށް މަރުހަބާ ކިޔާފައެވެ. އަދި މި ޕްރޮޖެކްޓްގެ ސަބަބުން އާ ކުޅުންތެރިންނަށް ތަޖުރިބާ ލިބޭނެ ކަމަށާއި، އޭގެ ސަބަބުން ކުރިއަށް އޮތް ތަނުގައި މާޒިޔާއަށް ކާމިޔާބީއަށް ދެވޭނެ ކަމަށް އައިސަމް ފާހަގަކުރިއެވެ.

"އަހަރެމެން ނުބަލަން އެއީ ޖޫނިއާ ކުޅުންތެރިންކަމަކަށް. މާޒިޔާގައި ނުތިބޭނެ ޖޫނިއާ ކުޅުންތެރިންނެވެ. އަހަރެމެން ބަލަނީ އެއީ ހަމަ އަހަރެމެންނާ އެއްވަރު ކުޅުންތެރިންކަމަށް. އެ މީހުން ވަރަށް ގިނަ ދުވަހު މާޒިޔާގައި އެކި އޭޖު ގްރޫޕްތަކުގައި ކުޅެފަ، ސީނިއާ ޓީމަށް މިއެރީ. ދެން ކުރިއަށް އޮތްތަނުގައި އެ ކުޅުންތެރިންނަށް ގިނަ އެކްސްޕީރިއަންސްތަކެއް ލިބި ކުރިއަށްދާނެ" އައިސަމް ފާހަގަކުރިއެވެ.

މާޒިޔާއިން އާ ސީޒަނަށް ނުކުންނައިރު، މުޅި ޓީމުގެ ސްކޮޑަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނަސްފައެވެ. އެގޮތުން މާޒިޔާގެ ސްކޮޑުގެ މިހާރުގެ އެވަރެޖް އުމުރަކީ 23 އަހަރުން ދަށެވެ.