މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އެ ޓީމުގެ ސްކޮޑް ވަރުގަދަ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)، މިޑްފިލްޑަރު ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އަދި އަބްދުﷲ ލޫތު ގެނަސްފިއެވެ.
މީގެ ތެރެއިން މަހުދީ އާއި ލޫތަކީ މީގެ ކުރިންވެސް މާޒިޔާގެ ޖާޒީގައި ފެނިގެން ގޮސްފައިވާ ކުޅުންތެރިންނެވެ. އޭގެ ތެރެއިން ލޫތު މިދިޔަ ސީޒަނުގައި އޮޑި ސްޕޯޓްސް ކުލަބަށް ކުޅުނުއިރު، މަހުދީ ކުޅުނީ ކުލަބް އީގަލްސްއަށެވެ. އަދި ކަކުލުގެ އަނިޔާއެއްގައި ހުރުމުން ނިޝާމް މިދިޔަ ސީޒަނުގައި ފުރަތަމަ ޑިވިޝަން ކުޅެފައިނުވެއެވެ.
ލޫތަކީ މިދިޔަ ސީޒަނުގައި ވެސް މާޒިޔާގެ ކޮންޓްރެކްޓްގައި ހުރި ކުޅުންތެރިއެކެވެ. އެކަމަކު ތަޖުރިބާ ހޯދަން މާޒިޔާއިން ވަނީ ލޫތު އޮޑި ސްޕޯޓްސް ކުލަބަށް ލޯނު އެއްބަސްވުމެއްގެ ދަށުން ދޫކޮށްފައެވެ.
މަހުދީ އަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބުނީ 2015 ވަނަ އަހަރު ބޭއްވި މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުންނެވެ. މަހުދީ ފުރަތަމަ ޑިވިޝަނުގައި އެންމެ ފުރަތަމަ ކުޅުނީ 2017 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކުލަބަށެވެ. އެ ފަހަރު މަހުދީ ވަނީ ޓީސީއާއެކު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕުގެ ޗެމްޕިއަންކަން ހޯދައިފައެވެ.
އޭގެ ފަހުން 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭން ހޯދިއިރު، އެ މުބާރާތުގައި މަހުދީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.
މަހުދީ މާޒިޔާގެ ޖާޒީގައި އެންމެ ފުރަތަމަ ފެނިގެންދިޔައީ 2019 ވަނަ އަހަރުގައެވެ. މާޒިޔާއާއެކު ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހު މަހުދީ 2023 ވަނަ އަހަރު ބަދަލުވީ އީގަލްސްއަށެވެ.
ދެން މާޒިޔާއާ ގުޅުނު ނިޝާމް ވަނީ މީގެ ކުރިން ޓީސީ ސްޕޯޓްސް ކްލަބުގެ ޖާޒީގައި ފެނިގެންގޮސްފައެވެ. ޓީސީގެ އިތުރުން އީގަލްސްއަށްވެސް ނިޝާމް ކުޅެފައިވެއެވެ.
މާޒިޔާއިން ޓީމު ވަރުގަދަ ކުރުމުގެ ގޮތުގައި ގެނައި ކުޅުންތެރިންނާ މެދު ވާހަަކަ ދައްކަމުން އެ ޓީމުގެ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒެއިރު (ކޮއްކޮ) ބުނީ، މާޒިޔާއާ ގުޅުނު ތިން ކުޅުންތެރިންގެ ތެރެއިން ނިޝާމް ފިޔަވާ ދެން ތިބި ދެ ކުޅުންތެރިންނަކީ ވެސް މާޒިޔާގެ ގޭމަށް ފައްކާވެފައިވާ ދެ ކުޅުންތެރިން ކަމަށެވެ. އަދި ނިޝާމް ޗެރިޓީ ޝީލްޑް މެޗުގައި ދެއްކި ކުޅުމުން ދައްކުވައިދެނޭ ނިޝާމް އަކީ ގައުމީ ސްކޮޑުގެ ޖާގައެއް ހައްގުވާ ކުޅުންތެރިއެއް ކަމަށެވެ.