މުލީކޮޅު ރާޅުގަނޑު 2026 ގެ މެންސް އޯޕަން ކެޓަގަރީގެ ފައިނަލުގައި ތަޖުރިބާކާރު ރާޅާއެޅުންތެރިޔާ އަހުމަދު އާގިލް (އައްމަޑޭ) ބަލިކޮށް ޔަސީން އަހުމަދު ނާޝިދު ޗެމްޕިއަންކަން ހޯދައިފިއެވެ.
ހޮނިހިރު ދުވަހު ކުރިއަށްދިޔަ ފައިނަލް ހީޓުގައި އާގިލްގެ މައްޗަށް ޔަސީން ކުރިހޯދީ 2.67 ގެ ސްކޯއަކުންނެވެ. ފައިނަލް ހީޓުގައި ޔަސީން ވަނީ މުޅިއެކު 11.67 ސްކޯކޮށްފައެވެ. އާގިލް އަށް ސްކޯކުރެވުނީ 9.00 އެވެ.
ފައިނަލް ހީޓުގައި ޔަސީން މުޅިއެކު ނުވަ ރާޅުގައިއެޅިއެވެ. އޭގެ ތެރެއިން އެންމެ މަތިން ސްކޯކުރީ ހަވަނަ އަދި ހަތްވަނަ ރާޅުގައެވެ. ޔަސީންގެ ހަވަނަ ރާޅުގައި އޭނާ ވަނީ 4.40 ސްކޯކޮށްފައެވެ. އަދި ހަތްވަނަ ރާޅުގައި 6.50 ސްކޯކުރިއެވެ.
ފައިނަލް ހީޓުގައި އާގިލް ޖުމްލަ 10 ރާޅުގައި އެޅިއެވެ. އޭގެ ތެރެއިން އެންމެ މަތިން ސްކޯކުރީ ހަތަރުވަނަ އަދި ނުވަވަނަ ރާޅުގައެވެ. ހަތަރުވަނަ ރާޅުގައި އާގިލް އަށް 4.00 ގެ ސްކޯއެއް ލިބުނުއިރު، ނުވަވަނަ ރާޅުގައި 5.00 ގެ ސްކޯއެއް ލިބުނެވެ.
މި މުބާރާތުގެ ފައިނަލުން ޔަސީން ޖާގަ ހޯދީ ސެމީ ފައިނަލުގައި ސައްޔިދު ސަލާހުއްދީން ބަލިކޮށްގެންނެވެ. ސެމީގެ ހީޓުގައި ސައްޔިދުގެ މައްޗަށް ޔަސީން ކުރިހޯދީ 0.63ގެ ސްކޯއަކުންނެވެ. މި ހީޓުގައި ޔަސީން އަށް މުޅިއެކު 8.90 ސްކޯކުރެވުނުއިރު، ސައްޔިދު ވަނީ 8.27 ސްކޯކޮށްފައެވެ.
އާގިލް ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި ހުސެއިން އަޒާން އިސްމާއިލްގެ މައްޗަށް 3.5 ގެ ސްކޯއަކުން ކުރިހޯދައިގެންނެވެ. މި ހީޓުގައި މުޅިއެކު އާގިލް އަށް 11.67 ސްކޯކުރެވުނުއިރު، އަޒާން އަށް ސްކޯކުރެވުނީ 8.17 ގެ ސްކޯއެކެވެ.