ޔަހޫދީންގެ ހަމަލާތަކެއްގައި ޣައްޒާގައި ބޭސް ރައްކާކޮށްފައި ހުރި ދެ ގުދަން ސުންނާފަތިވެއްޖެ ދެ މީހުން ޝަހީދުވެއްޖެއެވެ.
ޣައްޒާގެ ސިއްޙީ އިދާރާތަކުން ބުނީ ޔަހޫދީން ޣައްޒާ ސިޓީގެ ޝައިޙް ރަޛްވާންއަށް ދިން ޙަމަލާއެއްގައި ދެ މީހުން ޝަހީދުވެފައިވާ ކަމަށެވެ. އޭގެ އިތުރުން ޣައްޒާގެ ދެކުނުގެ ސަރަޙައްދެއް ކަމަށްވާ ދީރުލް ބަލާޙްގައި ހުންނަ އަލް-އަޤްޞާ މާޓިއާސް ހަސްފަތާލުން ބޭސް ރައްކާކުރުމަށް ބޭނުންކުރާ ދެ ގުދަނަކަށް ވެސް ހަމަލާތަކެއް ދިން ކަމަށް ބުނެފައިވެއެވެ.
އަލްއަޤްޞާ މާޓިޔާސް ހަސްފަތާލުން ބުނީ އެ ދެ ގުދަނުގައި ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދާ ޑަޔަލަސިސް ޕޭޝަންޓުންނަށް ފަރުވާ ދިނުމަށް ކޮންމެހެން ބޭނުންވާ ސާމާނު އެ ގުދަންތަކުގައި ރައްކާކޮށްފައި ހުރި ކަމަށެވެ. އޭގެ އިތުރުން ޒަޚަމްވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭހާއި އެހެނިހެން ސާމާނު އެ ގުދަންތަކުގައި ހުރި ކަމަށް އެ ހަސްފަތާލުން ފާހަގަކޮށްފައިވެއެވެ.
ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ބުނީ އިތުރު ދެ ބޭސް ގުދަނަކާއި ހަސްފަތާލުގެ ކްލިނިކަކަށް ވެސް ޔަހޫދީންގެ ހަމަލާތަކުގައި ގެއްލުން ލިބިފައިވާ ކަމަށެވެ.
ހަސްފަތާލުގައި މަސައްކަތް ކުރައްވާ ޑޮކްޓަރެއް ކަމަށްވާ ޚަލީލް އަލް-ދަޣްރާން ވަނީ ޔަހޫދީންގެ އެ ހަމަލާތަކަކީ ބޮޑެތި ޖަރީމާތަކެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. އޭނާ ވިދާޅުވީ ދަންވަރުގެ ވަގުތެއްގައި ޔަހޫދީން ދިން އެ ޙަމަލާތަކުގައި އެ ގުދަންތަކުގައި ހުރި ބޭސްތައް ނައްތާލާފައިވާ ކަމަށެވެ.
ޔަހޫދީން ހަމަލާ ދިން ސަރަޙައްދުގައި ބޭސްފަރުވާ ބޭނުންވެފައިވާ ގިނަ ޢަދަދެއްގެ މީހުން ފޭލިގެތަކުގައި ދިރިއުޅެއެވެ. ހަމަލާތަކުގައި ގާތްގަނޑަކަށް 70 ވަރަކަށް މީހުން ދިރިއުޅޭ ފޭލިގެތައް ވަނީ ސުންނާފަތިވެފައެވެ.
ހަނގުރާމައިގެ ސަބަބުންނާއި ވަސީލަތްތަކާއި ބޭސް ނެތުމުގެ ސަބަބުން ޣައްޒާގެ ޞިއްޙީ ނިޒާމު ފުނޑުފުނޑުވެެ، ހަސްފަތާލުތަކުން ރައްޔިތުންނަށް ފަރުވާ ނުދެވޭ ވަރަށް ޣައްޒާގެ ޙަލަތު ވަނީ ގޯސްވެފައެވެ. ޣައްޒާގައި ކިޑްނީގެ މައްސަލަތައް ކުރިމަތިވެ ޑަޔަލަސިސްގެ ފަރުވާ ހޯދުމަށް މަޖުބޫރުވެފައިވާ ގިނަ ޢަދަދެއްގެ މީހުން ދިރިއުޅެއެވެ. އެ މީހުންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށް މިހާރު ވަނީ ވަރަށް ބޮޑަށް ވަނީ ދަތިވެފައެވެ. ފަރުވާ ދިނުމަށް ބޭނުންކުރާ ވަސީލަތްތަކަށް ގެއްލުން ލިބިފައިވުމާއި ކޮންމެހެން ބޭނުންވާ ސާމާނު ނުލިބުމަކީ އޭގެ މައިގަނޑު އެއް ސަބަބެވެ. ޣައްޒާއަށް މުދާ އެތެރެކުރުމުގައި ހުރި ދަތިތަކުގެ ސަބަބުން މައްސަލަ ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ އެ ސަހަރުގައި ހުރި ޑަޔަލަސިސް މެޝިންތަކުގެ ތެރެެއިން ދެބައިކުޅަ އެއްބައި މެޝިން މިހާރު ބޭނުން ނުކުރެވޭ ކަމަށެވެ. އެއީ އެ މެޝިންތައް ހިންގުމަށް ކޮންމެހެން ބޭނުންވާ ސޯޑިއަމް ބައިކާބޮނޭޓް ނުލިބޭތީ ކަމަށް އެ ވުޒާރާއިން ބުނެއެވެ. ޑަޔަލަސިސްގެ ޚިދުމަތް ދެވޭ ހަސްފަތާލުގެ ޢަދަދު ވަނީ ހަތް ހަސްފަތާލުން ހަތަރު ހަސްފަތާލަށް މަދުވެފައެވެ.