މިދިޔަ ޖުލައި މަހު ނިމުނު ފީފާ ވޯލްޑް ކަޕް 2026 މުބާރާތަށްފަހު އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ކުޅުނު ފުރަތަމަ މެޗުގައި، އޭނާ ކުޅޭ އެމެރިކާގެ އިންޓަރ މަޔާމީން ކޮލަމްބަސް ކްރޫއާ ދެކޮޅަށް ކުޅެ އެއްވަރުވެއްޖެއެވެ.
މަޔާމީގެ ނޫ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.
ރެއާލް މެޑްރިޑާއި މެންޗަސްޓަރ ޔުނައިޓެޑަށް ކުޅުނު ބްރެޒިލްގެ ކަސެމީރޯގެ ފުރަތަމަ ފެނިލުން ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީވެސް މަޔާމީންނެވެ. މެޗު ފަށައިގެން 15 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް، ލުއިސް ޝުއަރޭޒް އެވެ.
މެޗުގައި ކޮލަމްބަސްއިން ފުރަތަމަ ފަހަރަށް ނަތީޖާ ހަމަހަމަކުރީ 34 ވަނަ މިނެޓުގައެވެ. މިއީ މަޔާމީގެ އައު ތަރި، ކަސެމީރޯ އަތުން ބައިކޮޅަށް ވަން ބޯޅައަކުން ކޮލަމްބަސްއަށް ކާމިޔާބުކުރެވުނު ލަނޑެކެވެ.
މި ހާފު ނިމުމުގެ ކުރިން މަޔާމީން ވަނީ އިތުރު ލަނޑެއް ޖަހައި އަލުން ލީޑު ނަގާފައެވެ. ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނޯއާ އެލަންއެވެ.
ލީޑުގައި އޮވެ މަޔާމީން ދެވަނަ ހާފު ފެށިއިރު، މި ހާފުގެ ފުރިހަމަވަގުތުގެ ފަހު ހަ މިނެޓާ ޖެހެންދެން ކުރީގައި އޮވެ ކުޅުނީ ވެސް އެ ޓީމުންނެވެ.
އެހެންނަމަވެސް 84 ވަނަ މިނެޓުގައި ކޮލަމްބަސްގެ ބްރެޒިސް މެންޑޭޒް ޖަހައިދިން ލަނޑުން އެ ޓީމުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށް، ތަރިންގެ މައްޗަށް އެކުލެވޭ މަޔާމީ އަތުން ޕޮއިންޓެއް ހޯދާފައެވެ.
ވޯލްޑް ކަޕަށް މެދުކަނޑާލި އެމެރިކާގެ މޭޖަރ ލީގު ސޮކާގެ ކުޅުން އަލުން ފަށާފައިވާއިރު މަޔާމީއަށް ޕޮއިންޓު ތާވަލުގައި ލިބެނީ ދެވަނައެވެ. އެއީ ކުޅުނު 18 މެޗުން 38 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި ނެޝްވިލް އޮތީ 18 މެޗުން 40 ޕޮއިންޓު ހޯދައިގެންނެވެ. ކޮލަމްބަސްއަށް 18 މެޗުން 20 ޕޮއިންޓާއެކު ލިބެނީ ތާވަލުގެ 11 ވަނައެވެ.