ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކާއި އޮންނަ ވިޔަފާރިއާއި އިޤްތިޞާދީ ގުޅުން ހަރުދަނާ ކުރުމަށް މެދުނުކެނޑި ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން ދައުރުގެ ތެރޭގައި މިވަނީ މިފަދަ ދެވަނަ ވިޔަފާރީގެ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށާފައެފައެވެ. މިދިޔަ އަހަރު ޖަނަވަރީ މަހު ޗައިނާއާއެކު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ފަހު މިހާރު ޢަމަލުކުރަން ފަށާފައިވަނީ ތުރުކީވިލާތާއެކު ސޮއިކުރި ޕްރިފަރެންޝަލް ޓްރޭޑް އެގްރިމެންޓަށެވެ.
ތުރުކީވިލާތައެކު ސޮއިކޮށް އޯގަސްޓް 1ވަނަ ދުވަހު ޢަމަލުކުރަން ފެށި ޕީޓީއޭ އަކީ ދެ ޤައުމު ދެމެދު މަޝްވަރާ ކުރެވި ކަނޑައެޅި ވަކި ބާވައްތަކުގެ މުދަލުން ޑިއުޓީ މަޢާފް ކުރުމަށް ސޮއިކުރެވިގެން ދިޔަ އެއްބަސްވުމެކެވެ. ބައިނަލްއަޤްވާމީ ގޮތުން ބަލާ ކަސްޓަމްސް މިނގަނޑުތަކުން މުދަލުގެ 75 ގިންތިއަކުން މި އެއްބަސްވުމުގެ ދަށުން ލުއި ލިބެއެވެ.
ރާއްޖެއިން ސޮއިކުރާ ވިޔަފާރީގެ އެއްބަސްވުންތަކުގައި އެންމެ އިސްކަމެއް ދޭ އެއް ކަމަކީ ދިވެހިން ކުރާ މަސައްކަތްތައް ކުރިއެރުމަށެވެ. ޚާއްސަކޮށް އުފެއްދުންތެރި މަސައްކަތްތަކުގެ ތެރެއިން ރާއްޖެއިން މައިގަނޑުގޮތެއްގައި ބޭރުކުރަނީ މަސް ކަމަށްވާއިރު، މަސްވެރިކަމުގެ ސިނާޢަތަށް ލުއިތަކެއް ހޯދުމަށް އަބަދުވެސް އިސްކަންދެއެވެ. މިކަން ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިންވެސް ވަނީ ކަށަވަރުކޮށްފައެވެ.
ތުރުކީއާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން ދިވެހި ކަނޑުމަހަށް ހުޅުވިގެން ދަނީ 85 މިލިޔަން މީހުންގެ މާކެޓެކެވެ. މި އެއްބަސްވުމުގެ ތެރެއިން ރާއްޖެއިން ބޭރުކުރާ އުފެއްދުންތަކުގެ ތެރެއިން 154 ބާވަތަކަށް ލުއި ލިބެއެވެ. މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ކަންލެނި މަހާއި ކަނޑުމަހާއި މަހުގެ އެކި އުފެއްދުންތަކެވެ.
ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް 22 އިންސައްތައިން ފެށިގެން 60 އިންސައްތައާއި ހަމައަށް ޑިއުޓީއެއް ނަގަމުން އައިސްފައިވެއެވެ.މި އެއްބަސްވުމަށް ޢަމަލުކުރަން ފެށުމުގެ ކުރިން ތުރުކީ ބާޒާރުން ރާއްޖޭގެ ކަނޑުމަހަށް އަވަރޭޖްކޮށް 40 އިންސައްތަ އާއި 45 އިންސައްތަ ދެމެދު ޑިއުޓީއެއް ނަގަމުން ދިޔައެވެ. ނަމަވެސް މި އެއްބަސްވުމާއެކު 100 އަށް ވުރެ ގިނަ މަހުގެ ބާވައްތަކަށް ލުއި ލިބި 39 ބާވަތެއް އެއްވެސް ޑިއުޓީއަކާއި ނުލާ ތުރުކީވިލާތައް އެތެރެކުރެވޭ ގޮތް ވަނީ ހަމަޖެހިގެން ގޮސްފައެވެ.
މި ސަރަހައްދުން ދިވެހިރާއްޖޭގެ ކަނޑުމަހަށް ހެޔޮ އަގެއް ލިބިގެން ދިއުމަކީ، ކުރިމަގުގައި ދިވެހި ކަނޑުމަހަށް އެހެން ބާޒާރުތަކުން ލުއި ހޯދުމަށް ލިބިގެންދާނެ ބާރެކެވެ. އަދި މިވަގުތު ދިވެހި ކަނޑުމަސް ބޭރުކުރާ މާކެޓުތައް އިތުރަށް ފުޅާކުރަން ލިބިގެންދާ ފުރުސަތަކަށްވެސް ވެގެން ދެއެވެ. އަދި މިއީ ދިވެހިރާއްޖެއަށް މަސް އެކްސްޕޯޓުކޮށްގެން ލިބޭ އާމްދަނީ އިތުރުކުރުމަށްވެސް އެޅިގެން ދިޔަ މުހިންމު ފިޔަވަޅަކަށް ވެގެންދާ ކަމަށް ސަރުކާރުން ވިދާޅުވިއެވެ.
ތުރުކީވިލާތާއެކު ސޮއިކޮށްފައިވާ ޕީޓީއޭއަށް ޢަމަލުކުރަން ފެށުމުން ދިވެހިރާއްޖޭގެ އިމްޕޯޓަށްވެސް އޭގެ ފައިދާ ކުރާނެއެވެ. މިހާރު ތުރުކީވިލާތާއި ރާއްޖެ ދެމެދު ކުރެވޭ ވިޔަފާރި ގާތްގަނޑަކަށް 70 މިލިޔަން ޑޮލަރަށް އަރައެވެ. ސަރުކާރުން ތުރުކީވިލާތާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު ތުރުކީވިލާތް މެދުވެރިކޮށް ރާއްޖެއަށް ކާޑުވެސް ގެންނަން މީގެ ކުރިން ފަށާފައިވެއެވެ. މި އެއްބަސްވުމާއެކު އަސާސީ ކާބޯތެކެތި ހޯދުމަށް ކުރާ ޚަރަދު ކުޑަކުރެވި ޖުމްލަކޮށް އިމްޕޯޓަށް ކުރަންޖެހޭ ހޭދަ ކުޑަކުރެވޭނެކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.
މިކަމުގެ ސަބަބުން ވިޔަފާރީގެ ވާދަވެރިކަން އުފެދި އެންމެ ބޮޑު ފައިދާއެއް ކުރާނީ ރައްޔިތުންނަށެވެ. އަދި ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއި މޫސުމީ ބަދަލުތަކުގެ ސަބަބުން މުދަލުގެ ސަޕްލައި ޗެއިނަށް ކުރިމަވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަށް ލުއި ލިބޭނަކަށް ސަރުކާރުން ދެކެވެ. މިއީ އައު ވިޔަފާރިތައް ފެށުމަށް އޮތް ފުރުސަތަކަށް ވާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.
ތުރުކީވިލާތުގެ އުފެއްދުންތަކުގެ ތެރެއިން ރާއްޖެއަށް އެތެރެކުރާ 404 ބާވަތެއްގެ މުދަލުން ޑިއުޓީގެ ލުއިތައް ލިބެއެެވެ. އަދި މީގެ ތެރެއިން ދެ ބައިކުޅައެއް އެއްބައެއްހާ މުދަލަށް ޑިއުޓީ އެއްކޮށް ކެނޑިގެންދާނެއެވެ. މިއީ ދުނިޔޭގެ އިތުރު ސަރަހައްދަކުން ރަނގަޅު ފެންވަރުގެ މުދާ ދިވެހިރައްޔިތުންނަށް ފޯރުކޮށްދިނުމަށް ލިބިގެންދާ ފުރުސަތެކެވެ.
ސަރުކާރުން ތުރުކީވިލާތާއެކު ވިޔަފާރީގެ އެއްބަސްވުމަކަށް ސޮއިކޮށް ޢަމަލުކުރަން ފަށާފައިވާއިރު، މިއީ މިފަދަ ދެވަނަ އެއްބަސްވުމެވެ. މީގެ ކުރިން ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ގޮސްފައިވާއިރު، މިވަގުތު އިންޑިއާއެކު މިނިވަންވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދިއުމަށް ދަނީ މަޝްވަރާ ކުރަމުންނެވެ.
ތުރިކީވިލާތާއެކު ޕްރިފަރެންޝިއަލް ޓްރޭޑް އެގްރިމެންޓެއްގައި ސޮއިކޮށްފައިވަނީ މިދިޔަ 2024 ވަނަ އަހަރު ނޮވެމްބަރ މަހުގެ ތެރޭގައެވެ. އެއީ އޭގެ ކުރީ އަހަރު ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ތުރުކީވިލާތާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު ސޮއިކުރެވުނު އެއްބަސްވުމެކެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުމަކާއި ޚިލާފަށް ޕްރިފަރެންޝިއަލް ޓްރޭޑް އެގްރިމެންޓެކީ ކަނޑައެޅޭ ވަކި މުދާތަކަކަށް ޑިއުޓީ މަޢާފު ކުރާ އެއްބަސްވުމެކެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި މުދަލާ ޚިދުމަތާއި އިންވެސްޓްމެންޓް ދައިރާ ހިމަނާފައިވެއެވެ.