ޚަބަރު

މާޒިޔާއާ ދެކޮޅަށް ކުޅެން އޮޑި އޮތީ ރަނގަޅަށް ތައްޔާރުވެފައި: ފައްރާޙް


  • އޮޑިން ޕްރެޒިޑެންޓްސް ކަޕު ކާމިޔާބުކުރީ ފައިނަލުގައި މާޒިޔާ ބަލިކޮށްގެން

18 އަހަރަށްފަހު ފަށާ، ކަޕް ވިނާސް ކަޕުގައި އޮޑި ސްޕޯޓްސް ކުލަބުގެ ވިސްނުން ހުރީ މެޗަކަށްފަހު މެޗަކަށް ކަމަށް އެ ޓީމުގެ އެސިސްޓެންޓް ކޯޗު އަހުމަދު ފައްރާހް (ފައްރަ) ބުނެފިއެވެ.

މި މުބާރާތް އެންމެ ފަހުން ބާއްވައިފައިވަނީ 2008 ވަނަ އަހަރުގައެވެ. މި ފަހަރުގެ މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމުގެ މެދުގައެވެ. އެހެންކަމުން މި ފަހަރުގެ މުބާރާތުގައި ވާދަކުރާނީ، އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް، އޮޑި ސްޕޯޓްސް ކްލަބްގެ އިތުރުން ބުރު ސްޕޯޓްސް ކްލަބެވެ.

ހޯމަ ދުވަހުގެރޭ މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން "ޕީއެސްއެމް ނިއުސް"އާ ވާހަކަ ދައްކަމުން އޮޑީގެ އެސިސްޓެންޓް ކޯޗު ފައްރާހް ބުނީ، މި މުބާރާތައް އޮޑި ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި މިދިޔަ 18 ވަރަކަށް ދުވަހުގެ ތެރޭގައި ޓީމުގެ ފަރިތަކުރުންތައް ދިޔައީ ބޭނުންވި ގޮތައް ކަމަށެވެ.

ފައްރާހް ބުނީ އޮޑީގައި މިވަގުތު އޮތީ ރަނގަޅު ސްކޮޑެއް ކަމަށާއި، ހާއްސަކޮށް މިދިޔަ އަހަރު އޮތް ސްކޮޑަށް ދިވެހި ދެ ތިން ކުޅުންތެރިޔަކު އިތުރުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ޓީމުވެސް މިދިޔަ އަހަރު ލިބުނު އެކްސްޕީރިއަންސްގެ އަލީގައި މުބާރާތުގައި މިތިބި ހަތަރު ޓީމާ ކޮމްޕީޓްކުރެވޭނެ ވަރުގެ ފައިޓެއް ދޭނަން ހަމަ" ފައްރަ ފާހަގަކުރިއެވެ.

ފައްރާހް ބުނީ، މި މުބާރާތައް އޮޑިން ނުކުންނާނީ މެޗަކަށްފަހު މެޗަކަށް ކަމަށާއި، އޮޑީގެ މިވަގުތުގެ ފޯކަސް ހުރީ ކުރިއަށް އޮތް މާޒިޔާ މެޗަށް ކަމަށެވެ.