މިދިޔަ ފުޓުބޯޅަ ސީޒަނުގައި ކްލަބް ގްރީން ސްޓްރީޓްސްގެ ކެޕްޓަންކަން ކުރި ރިލްވާން ވަހީދު (ރިލޭ)، ބުރު ސްޕޯޓްސް ކުލަބާ ގުޅިއްޖެއެވެ.
މީގެ އަހަރުތަކެއް ކުރިން ޤައުމީ ފުޓުބޯޅަ ޓީމަށްވެސް ކުޅެފައިވާ ރިލްވާން ބުރާ ގުޅުނީ އާދިއްތަ ދުވަހުއެވެ. އޭނާ ވަނީ އާދިއްތަ ދުވަހުގެ ހަވީރު ބުރުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ވެސް ބައިވެރިވެފައެވެ.
އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބުރުން ވަނީ ބިދޭސީ ކޯޗަކާއެކު މަސައްކަތް ފަށާފައެވެ. އަދި ބިދޭސީ އައު ކުޅުންތެރިންނާއި، އައު ދިވެހި ކުޅުންތެރިންވެސް އެ ޓީމާ ގުޅިފައިވެއެވެ.
އެގޮތުން، ކުރިން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް އަދި ޤައުމީ ޓީމަށް ވެސް ކުޅެފައިވާ ކީޕަރު އަލީ ނާޖިޙް ވެސް ވަނީ ބުރާ ގުޅިފައެވެ. ނާޖިޙް ވަނީ ލަންކާގައި ބޭއްވި ސުޕާ ކަޕުގައި ޤައުމީ ޓީމުގެ އެއް ނަމްބަރު ކީޕަރުގެ ގޮތުގައި ގޯލު ބަލަހައްޓާފައެވެ.
ކޯޗެއްގެ ގޮތުގައި ބުރުން ގެނެސްފައިވަނީ ސްޕެއިންގެ ކްރިސްޓިއަން ރޮޑްރިގޭޒް އެވެ.
ބުރުން ރިލްވާން ވަހީދުގެ ސޮއި ހޯދާފައިވާއިރު އޭނާ ސީނިއަރ ކެރިއަރު ފެށީ 2006ވަނަ އަހަރު ކުލަބު ވެލެންސިއާ އިންނެވެ. އެފަހުން ވިކްޓްރީ ސްޕޯޓްސް ކުލަބު، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ކްލަބް އީގަލްސްއަށް ވެސް ރިލްވާން ވަނީ ކުޅެފައެވެ.
ރިލްވާން ވަނީ 2012 ވަނަ އަހަރު، ހަވީރު ނޫހުން ހޮވި 23 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.
ކުލަބު ފެންވަރުގައި ރިލްވާން ވަނީ ތިން ޓީމަކާއިއެކު ތިން ފަހަރެއްގެ މަތިން ދިވެހި ލީގު ކާމިޔާބުކޮށްފައެވެ. އަދި ޕްރެޒިޑެންޓްސް ކަޕާއި އެފްއޭ ކަޕް ވެސް ދެ ފަހަރެއްގެ މަތިން އޭނާ ހޯދާފައިވެއެވެ. މީގެއިތުރުން ޗެރިޓީ ޝީލްޑް މެޗު ވެސް ދެ ޓީމަކާއެކު ދެ ފަހަރެއްގެ މަތިން އޭނާ ކާމިޔާބުކޮށްފައިވެއެވެ.