ބ. ކިހާދޫއާއި އެއަތޮޅު ކުޑަރިކިލުގެ ފެނާ ނަރުދަމާ އެޅުމުގެ މަސައްކަތް އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ވަނީ ކިހާދޫއާއި ކުޑަރިކިލުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާ ރައްޔިތުންނަށް ޚިދުމަތް ދެވޭނެ ދުވަހަކާ ގުޅޭގޮތުން ސުވާލުކުރައްވާފައެވެ.
އެ ސުވާލުތަކުގެ ޖަވާބުގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ އެ މަޝްރޫޢުތަކަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެނަކައާ ހަވާލުކުރި މަޝްރޫޢުއެއްކަމަށާއި ނަމަވެސް އެ މަޝްރޫޢުގެ މަސައްކަތް ކުރިއަށް ނުގެންގޮސް އޮތްކަމަށެވެ. އެ މަސައްކަތް ކުރިއަަށްނުދާތީ ފެނަކައާއެކު ހަދާފައިވާ އެއްބަސްވުން ބާތިލްކުރުމަށްފަހު އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ މަޝްރޫޢުތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ މިހާރު އެ މަސައްކަތް ކުރިއަށްގެންދިޔުމަށް އަމަލީ މަސައްކަތްފަށާފައިވާކަމަށެވެ. އެގޮތުން މިހާތަނަށް އައިރު ދެރަށުގައިވެސް %10 މަސައްކަތް ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިހާރު ކުރަމުންދާ މަސައްކަތްތަކަކީ އާރްއޯ ޕްލާންޓުގެ މަސައްކަތާއި ސްޓޯރޭޖް ޓޭންކްގެ މަސައްކަތް. މަޝްރޫޢުގެ %10 މަސައްކަތް ނިންމާފައި. އެއީ ކުރީގެ ކޮންޓްރެކްޓަރުގެ ތެރެއިން ޓާމިނޭޓްކޮށްފައި އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންިދޔުމުގެ އަދާހަމަ." ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ކިހާދޫގެ މަޝްރޫޢު ކުރީގެ ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައި އޮތީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުކަމަށާއި، އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި އޮތީ 40 މިލިޔަންރުފިޔާއަށްކަމަށެވެ. މަސައްކަތް ފެށުމަށްފަހު %16 ނިންމުމަށްފަހު އިތުރު މަސައްކަތެއް ކުރިއަށް ނުގެންގޮސް ހުއްޓިފައި އޮތްކަމަށް ވަޒީރު ވިދާޅުވިއެވެ.
އެ މަޝްރޫޢު ކުރިއަށްގެންދިޔުމަށް ފެނަކައާ ހަވާލުކުރި އަގަށްވުރެ ބޮޑު އަގެއްގައި ސަބްކޮންޓްރެކްޓް ކުރުމަށް ހަވާލުކުރުމުން މަސައްކަތް ކުރިއަށްނުގެންދެވޭނެކަމަށް ފެނަކައިން ވިދާޅުވިކަމަށެވެ.
ވަޒީރު ވަނީ 20 ރަށެއްގައި ފެނާ ނަރުދަމާ އެޅުމަށްޓަކައި ފެނަކައާ ހަވާލުކޮށްފައި އޮތް ނަމަވެސް ފެނަކައަކީ އެފަދަ މަސައްކަތް ކުރުމުގެ ތަޖުރިބާ ނެތް ކުންފުންޏެއްކަން ފާހަގަކުރައްވާފައެވެ. އަދި މަސައްކަތް ހަވާލުކުރުމަށްފަހު ވަގުތުން އެހެން ކުންފުނިތަކާ ހަވާލުކުރިނަމަވެސް އެކަން ކުރުމަށްވެސް ހަވާލުކޮށްފައި އޮތީ ތަޖުރިބާ ނެތް ކުންފުނިތަކަކާކަމަށެވެ.
ވަޒީރު ވިދާޅުވީ މުޅި މަޝްރޫޢުގެ މަސައްކަތް ސަބްކޮންޓްރެކްޓް ކުރުމަކީ މާލިއްޔަތު ޤަވާއިދުގައި މަނާކަމެއްކަމަށެވެ. ނަމަވެސް ފެނަކައިން އުޞޫލްތަކާ ޚިލާފަށް މަޝްރޫޢުތައް ހަވަލުކޮށްފައި އޮތްކަމަށެވެ. ނަމަވެސް ސަރުކަރުން މަސައްކަތް ކުރަމުންދަނީ މި ދައުރުގެ ތެރޭގައި ހުރިހާ ރަށެއްގައި ފެނާ ނަރުދަމާގެ ޚިދުމަތް ދިނުންކަމަށެވެ.