މިދިޔަ ހަފުތާގައި ސްކޭމުގެ 42 މައްސަލަ ހުށައަޅާފައިވާ ކަމަށާއި، މިމައްސަލަތަކުގައި ގެއްލުނު ފައިސާގެ 48.89 އިންސައްތަ އަނބުރާ ހޯދާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. މިދިޔަ ހަފުތާގައި ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް 6 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ ހަފުތާގައި ފުލުހުންނަށް ހުށައަޅާފައިވާ މައްސަލަތަކުގައި 334،549،00 ރުފިޔާ ވަނީ ގެއްލިފައެވެ. އަދި ފުލުހުންގެ މަސައްކަތުން މީގެތެރެއިން 163،558،00 ރުފިޔާ އަނބުރާ ހޯދާފައިވެއެވެ. މިއީ، މާލީ ކުށްތައް ހުއްޓުވުމަށާއި ރައްޔިތުންގެ މުދާ ރައްކާތެރިކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެއްކަން ފުލުހުން ފާހަގަކުރައްވައެވެ.
ފުލުހުން ވިދާޅުވީ، މިދިޔަ ހަފުތާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް 6 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ސްކޭމް ހިންގުމަށް އާންމުގޮތެއްގައި ބޭނުންކޮށްފައިވާ މަންސަތަކަކީ، އޮންލައިން މެސެޖިންގ މަންސަތަކާއި، އައިބޭ، ފޯނު ކޯލު، ފިޝިން ލިންކް އަދި ފޭސްބުކް މާރކެޓް ޕްލޭސްކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
* އީ- ކޮމާސް: 15 މައްސަލަ
* ބުކިން ކެންސަލޭޝަން ރިފަންޑް ސްކޭމް: 11
* ބޭރުފައިސާ މާރުކުރުން: 8 މައްސަލަ
* އެހެނިހެން: 5 މައްސަލަ
* އެހެންމީހަކަށް ވެގެން އޮޅުވާލުން: 3 މައްސަލަ
ސްކޭމްތައް ހިންގާ ވަސީލަތްތަކަށް ބަލާއިރު، ރާއްޖޭގައި ހިންގާ ސްކޭމްތަކުގެ %99 އަކީ، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ހިންގާ ސްކޭމްތަކެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސްކޭމްތަކުގެ %95 ހިއްސާކުރަނީ، ސީދާ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ހިންގާ ސްކޭމްތަކެވެ.
އީ-ކޮމާސް ސްކޭމްތަކަކީ، މިދިޔަ ހަފުތާގައިވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލަތައް ކަމަށްވާތީ އޮންލައިންކޮށް ވިޔަފާރި ކުރާއިރު އަބަދުވެސް މުދާ ވިއްކާ ފަރާތްތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.
އަދި ބުކިންގތައް ކެންސަލްކޮށް ރިފަންޑް ހޯދުމުގެ ނަމުގައި ހިންގާ ސްކޭމްތައް މިހާރަކަށް އައިސް އިތުރުވަމުންދާތީ، އެކަމަށް އާންމު ރައްޔިތުން ސަމާލުވުމަށް ވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ. ފުލުހުން ވިދާޅުވީ، މިފަދަ ސްކޭމްތަކުގައި، ބުކިންގ ހެދުމަށްފަހު ފައިސާ ދެއްކިކަމުގެ ސައްހަނޫން ސްލިޕް ފޮނުވައި، ކުއްލި ބޭނުމަކު ބުކިންގ ކެންސަލްކުރަން ޖެހުނުކަމަށް ބުނެ ފައިސާ އަނބުރާ ހޯދުމަށް އެދޭ ކަމަށެވެ. އެހެންކަމުން، އެއްވެސް ފަރާތަކަށް ފައިސާ އަނބުރާ ފޮނުވުމުގެ ކުރިން، އަމިއްލަ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ކަށަވަރު ކުރުމަށްވެސް ފުލުހުން އެދިވަޑައިގަންނަވައެވެ.
މީގެ އިތުރުން، އޮންލައިންކޮށް ވިޔަފާރި ކުރުމުގައި އިތުބާރު ނުކުރެވޭ ފަރާތްތަކަށް ކުރިއާލާ ފައިސާ ނުފޮނުވުމަށާއި، މުދާ ލިބުމުން ފައިސާ ދެއްކުމުގެ (ކޭޝް އޮން ޑެލިވަރީ) އުސޫލަށް އިސްކަންދިނުމަކީވެސް، މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ބޭރު ފައިސާ މާރުކުރުމުގައި ސޯޝަލް މީޑިއާ ގްރޫޕުތަކުގެ ބަދަލުގައި، ރަސްމީ ބޭންކުތަކާއި ހުއްދަ އޮންނަ މަނީ އެކްސްޗޭންޖުތަކުގެ ޚިދުމަތް ހޯދުމަށް ސަމާލުކަން ދިނުމަށް އެދިފައިވެއެވެ. ހަމައެއާއެކު، ގާތް ރައްޓެއްސަކު ނުވަތަ އާއިލާގެ މެންބަރެއްގެ ނަމުގައި ފައިސާއަށް އެދި މެސެޖެއް ލިބުނު ކަމުގައިވިޔަސް، ފައިސާ ފޮނުވުމުގެ ކުރިން އެ މީހަކަށް ގުޅައި އެއީ ސައްހަ މުއާމަލާތެއްކަން ޔަގީންކުރުމަށްވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
އެންޓިސްކޭމް ސެންޓަރުން މައުލޫމާތުދެއްވާ ގޮތުގައި ޒަމާނީ ޓެކްނޮލޮޖީއާއެކު ރާއްޖޭގައި ސްކޭމްތައް ހިންގާ ގޮތްވެސް ދަނީ ބަދަލުކުރަމުންނެވެ. އެގޮތުން އާޓިފިޝަލް އިންޓެލިޖެންސް، އޭއައި ބޭނުންކޮށްގެން އުފައްދާ ޑީޕް ފޭކް ކޮންޓެންޓުތަކަށް ސަމާލުވާން ޖެހޭ ކަމަށާއި، އޭއައިއަކީ ސްކޭމަރުން ބޭނުންކުރަން ފަށާފައިވާ ވަސީލަތެއްކަން ފާހަގަކުރެވިފައިވާ ކަމަށް އެންޓި ސްކޭމް ސެންޓަރުން ވިދާޅުވެއެވެ.
އަދި ސްކޭމްތަކުން ރައްކާތެރިވެ ތިބުމަށް ޝައްކުކުރެވޭ އެއްވެސް ލިންކަކަށް ނުފިތުމަށާއި، އޯޓީޕީ ފަދަ ސިއްރު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށްވަނީ އިލްތިމާސް ކުރައްވާފައެވެ. މީގެއިތުރުން ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ ވީހާވެސް އަވަހަކަށް 125 އަށް ގުޅައި ރިޕޯޓް ކުރުމަށްވެސް ފުލުހުން އިލްތިމާސް ކުރައްވައެވެ.