ޚަބަރު

އުރީދޫއަށް 172 މިލިޔަން ރުފިޔާ ސާފު ފައިދާއެއް


  • ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބިފައިވަނީ 203 މިލިޔަން ރުފިޔާ

  • އާމްދަނީގެ ގޮތުގައި 536 މިލިޔަން ރުފިޔާ ލިބިފައިވޭ

މިއަހަރުގެ 2ވަނަ ކުއާޓަރުގައި އުރީދޫއަށް ސާފު ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު %3.9 ދަށް އަދަދެކެވެ.

އުރީދޫއިން އާންމުކޮށްފައިވާ އެކުންފުނީގެ މާލީ ހިސާބުތައް ދައްކާގޮތުގައި 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ކުންފުންޏަށް ލިބިފައިވަނީ 179 މިލިޔަން ރުފިޔާއެވެ.

އުރީދޫއިން އާމްދަނީ ހޯދަނީ މައިގަނޑު 2 ދާއިރާއަކުންނެވެ. އެއީ މޯބައިލް ޚިދުމަތްތަކާއި ފިކްސްޑް ލައިން، ބްރޯޑް ބޭންޑް އިންޓަނެޓާއި އެންޓަޕްރައިޒް ވިޔަފާރިތައް މެދުވެރިކޮށެވެ.

އުރީދޫއިން އާންމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާގޮތުން މޯބައިލް ޚިދުމަތްތައް ފޯރުކޮށްދީގެން އެކުންފުނިން ވަނީ 380 މިލިޔަން ރުފިޔާގެ އާމްދަނީއެއް ހޯދާފައެވެ. މި އަހަރު ފުރަތަމަ ކުއާޓަރގައި މޯބައިލް ޚިދުމަތްތަކުން އެކުންފުންޏަށް ލިބިފައިވަނީ 394 މިލިޔަން ރުފިޔާއެވެ.

މޯބައިލް ޚިދުމަތްތަކުން ލިބުނު އާމްދަނީ ދަށްވެފައިވީނަމަވެސް ފިކްސް ބްރޯޑްބޭންޑު ޚިދުމަތުން ލިބުނު އާމްދަނީއަށް ވަނީ ކުރިއެރުން ލިބިފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި ފިކްސްޑު ބްރޯޑްބޭންޑު ޚިދުމަތްތަކުން 155 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ފިކްސް ބްރޯޑްބޭންޑް އާމްދަނީގެ ގޮތުގައި އުރީދޫއަށް ލިބިފައިވަނީ 152 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %2 އިތުރު އަދަދެކެވެ.

މިއަހަރުގެ 2ވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އުރީދޫއަށް ލިބިފައިވަނީ 536 މިލިޔަން ރުފިޔާއެވެ. އެ ކުންފުނީގެ މާލީ ރިޕޯޓުން ދައްކާގޮތުން އަހަރުގެ ފުރަތަމަ ކުއާޓަރގައި އުރީދޫއަށް ލިބިފައިވަނީ 547 މިލިޔަން ރުފިޔާއެވެ.

މި ކުއާޓަރގައި އުރީދޫއަށް ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބިފައިވަނީ 203 މިލިޔަން ރުފިޔާއެވެ. އަދި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބިފައިވަނީ 210 މިލިޔަން ރުފިޔާއެވެ.