ސިއްހަތު

ގުރައިދޫ މަރުކަޒު ތަރައްޤީކުރުން އަންނަމަހު ނިމޭނެ


ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ތަރައްޤީ ކުރެއްވުމަށް ކުރިއަށް ގެންދަވާ މަޝްރޫޢުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެ މަރުކަޒުގެ ތަރައްގީކުރެއްވުމަށް ސަރުކާރުން ހިންގަވާ މަޝްރޫއަށް ދިހަ މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރައްވާފައިވާކަމަށް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބޭނުންވާ ގޭސް ފޯރުކޮށްދިނުމަށް މޯލްޑިވްސް ގޭހާއެކު ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ވަރަށް ބޮޑަށް ވީރާނާވެފައި ވަނިކޮށް މި ސަރުކާރުން އެ މަރުކަޒު މަރާމާތު ކުރުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށެވެ. އަދި މިމަސައްކަތް ނިމޭއިރު އެމަރުކަޒު ވެގެންދާނީ ފުރިހަމަ ޚިދުމަތްތަކެއް ލިބެން ހުންނަ ހިތްފަސޭހަ ތަނަކަށް ކަމަށާއި މި ގޮތުން މި މަޝްރޫއު ނިމިގެންދާއިރު އެމަރުކަޒުގެ ވެންޓިލޭޝަން ރަގަޅުވެ،  ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ސާފު ބޯފެން ލިބެންހުންނާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ފަސޭހަކަމާއިއެކު ތަނުގެ ތެރޭގައި ފޮރޮޅުލީ ގޮނޑީގައި އުޅެވޭނެ އިންތިޒާމް ވެސް ހަމަޖެހިފައި ވާނެކަމަށް މިނިސްޓާރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ގުރައިދޫ މަރުކަޒަށް އެކި އެކި ފަރާތަކުން ދެއްވާ އެހީތެރިކަން ފާހަގަ ކުރައްވައި އެފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. ކ. ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި މިވަގުތު ސަތޭކަ ފަސްދޮޅަސް އަށްމީހުން އުޅެމުންދެއެވެ.