ކުރިއަށްއޮތް ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގައި އީ-ވޯޓިންގ ބޭނުންނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައިވަނީ ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އީ-ވޯޓިންގ ބޭނުންކުރުމަށެވެ. ނަމަވެސް އީ-ވޯޓިންގ ބޭނުންނުކުރުމަށް ނިންމެވި ސަބަބެއް އިލެކްޝަންސް ކޮމިޝަނުން ހާމައެއްނުކުރައްވައެވެ.
ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި އީވޯޓިންގގެ އެއްބައި ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިޚާބުގައި ރާއްޖޭގެ ބައެއް ހިސާބުތަކުގައި ބޭނުން ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން އޮތީ ނިންމާފައެވެ. އަދި މި ނިޒާމުގެ ދަށުން ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވޯޓްލާނެ ސަރަޙައްދުތައް ކަނަޑައެޅުއްވުމަށް ސިޔާސީ ޕާޓީތަކާ މަޝްވަރާކުރެއްވުމަށްވެސް އެ ކޮމިޝަނުން ވަނީ ނިންމަވާފައެވެ. ނަމަވެސް ބައެއް ސިޔާސީ ޕާޓީތަކުން ދިޔައީ އެކަމާ ދެކޮޅު ހައްދަވަމުންނެވެ.
ރައްޖޭގައި ތަޢާރަފްކުރައްވާނެ އެންމެ ރަނގަޅު އީ-ވޯޓިންގ ނިޒާމު ދެނެގަނެ ފައިނަލްކުރެއްވުމައްޓަކައި އަވައްޓެރި ޤައުމުތަކާއި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ ތެރެއިން އީ-ވޯޓިންގ ނިޒާމް ބޭނުންކުރަމުން އަންނަ ޤައުތަކުގައި މި ނިޒާމު މަސައްކަތް ކުރާގޮތް އިލެކްޝަންސް ކޮމިޝަނުން ވަނީ ބައްލަވާފައެވެ.