ޚަބަރު

އެންސްޕާގެ ރަޖިސްޓްރީގައި 526 ތެލަސީމިއާ ހުންނަ މީހުން


  • ޖޫންމަހު މާލީ އެހީގެ ގޮތުގައި ޖުމްލަ 1.05 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައި

  • ތެލެސީމިއާ ކުދިންނަށް 2000 ރުފިޔާގެ އެލަވަންސެއް ވަނީ ދޭން ފަށާފައި

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގައި ޖޫންމަހު ތެލަސީމިއާ މީހުންގެ ގޮތުގައި ރަޖިސްޓްރީކުރި އަދަދު އިތުރުވެއްޖެއެވެ. އެންސްޕާއިން ވަނީ ތެލަސީމިއާ އެލަވަންސް ގެ ގޮތުގައި ދެވޭ މާލީ އެހީގެ ތަފްސީލު ހިއްސާކޮށްފައެވެ.

އެންސްޕާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ ޖޫންމަހުގެ ތެރޭގައި އަލަށް 7 ކުދިން ވަނީ ރަޖިސްޓްރީކޮށްފައެވެ. ތެލަސީމިއާ ކުދިންނަށް ދޭ ޚާއްޞަ އެލަވަންސް ދޫކުރަން ފެށުމާ ގުޅިގެން، އެ ބައްޔަށް ފަރުވާ ހޯދަމުންދާ ގިނަ ފަރާތްތަކުން އަންނަނީ އެންސްޕާގައި ރަޖިސްޓްރީވަމުންނެވެ.

އެގޮތުން ޖޫން މަހުގެ ތެރޭގައި ތެލަސީމިއާ ބަލި މީހުންނަށް މާލީ އެހީގެ ގޮތުގައި ޖުމްލަ 1.05 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި އެ އެޖެންސީގެ ދަފްތަރުގައިވާ ގޮތުން، މިހާރު ތެލަސީމިއާއަށް ފަރުވާ ހޯދަމުންދާ މީހުންގެ ޖުމްލަ އަދަދަކީ 526 އެވެ.

މޯލްޑިވްސް ބްލަޑް ސަރވިސަސްގެ ތަފާސްހިސާބުތަކަށް ބަލާއިރު ތެލަސީމިއާ ދަފުތަރުގައި މުޅި ރާއްޖޭގައި ޖުމްލަ 978 މީހުން ރެކޯޑުކޮށްފައިވާއިރު، އޭގެ ތެރެއިން ދުނިޔޭގައި ތިބީ 652 މީހުންނެވެ. އަދި މި ދަފުތަރުގައި އެންމެ ގިނައީ 11 އަހަރާއި 20 އަހަރާ ދެމެދުގެ ކުދިންނެވެ. މި އުމުރުފުރާގެ 215 ކުދިން ތިބިއިރު، ދެވަނައަށް އެންމެ ގިނައީ 21 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނެވެ.

ފާއިތުވި ތިން އަހަރަށް ބަލާއިރު، 2023 ވަނަ އަހަރު 11 މީހުން، 2024 ވަނަ އަހަރު 18 މީހުން އަދި 2025 ވަނަ އަހަރުގެ މެއިމަހާއި ހަމައަށް ރަޖިސްޓްރީވެފައިވާ 11 މީހުންނާއެކު ޖުމްލަ 40 ކުދިން އަލަށް ދަފްތަރުގައި ހިމެނިފައިވެއެވެ. އަތޮޅުތަކަށް ބަލާއިރު، އާބާދީގެ ނިސްބަތުން ތެލަސީމިއާ ބަލި ތަހައްމަލުކުރާ މީހުން އެންމެ ގިނައިން ތިބީ ނ. އަތޮޅުގައެވެ. އެ އަތޮޅުގެ 13 ރަށަކުން 53 މީހުން ދަފްތަރުގައި ހިމެނޭއިރު، މިއީ ކޮންމެ ރަށަކަށް އެވްރެޖްކޮށް 4 މީހުންނެވެ. އަދި ފ. އަތޮޅުގައި 18 މީހުން ތިބިއިރު، ލ. އަތޮޅުގައި 43 މީހުން ވަނީ ލިސްޓްކުރެވިފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ވ. އަތޮޅުގައި ތެލެސީމިއާގެ އެއްވެސް މީހަކު ނެތްއިރު، ދެވަނައަށް އެންމެ މަދީ މ. އަތޮޅެވެ. އެއީ، އެންމެ 3 މީހުންނެވެ.

މި ދާއިރާއިން ކުރިއަށްގެންގޮސްފަވާ އިތުރު މަސައްކަތްތަކަށް ބަލާއިރު ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމުގެ ފަރުވާ ހިމެނެއެވެ. އެގޮތުން ސަރުކާރުން ނިންމާފައިވަނީ މި 5 އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު 10 ކުއްޖަކަށް ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އެހެންކަމުން މި 5 އަހަރުގެ ތެރޭގައި 50 ކުދިންނަށް ޖުމްލަ 50 މިލިޔަން ރުފިޔާ ޚަރަދުކުރެވޭނެއެވެ. މީގެ އިތުރުން، ތެލެސީމިއާ ކުދިންނަށް 2000 ރުފިޔާގެ އެލަވަންސެއް ވަނީ ދޭން ފަށާފައެވެ.